ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން، މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ފެށި މި މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އަދި މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވެއެވެ.އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީއާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން މި މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭ ސިޓީގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.