ބުރޫނާއީ ދާރުއްސަލާމުގައި ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 20 އިމާމުން ރޭ ފުރައިފި ކަމަށް އިސްލާމިކް މިނިސްޓަރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މި ކަންހާމަ ކުރައްވާފައިވަނީ ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވަނީ މި ވިހި އިމާމުންނާ އިއްޔެގެ ވަގުތެއްގައި ބައްދަލު ކުރައްވައިފައެވެ.

އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އިސްލާމިކް މިނިސްޓްރީން، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި މި މުބާރާތް ކުރިއަށްގެންދަނީ ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެންނެވެ.

މީގެއިތުރުން މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުން ކަމަށާއި އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ.