ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.

"ޓްރޯމާ އިން ޕޮލިސިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް އޮތީ, މި ޖުލައި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހުއެވެ.

މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގެ މަގްސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، އެމީހުން ކުރިމަތިލާންޖެހޭ ނާޒުކު އަދި ބިރުވެރި ހާދިސާތަކުން ލިބިދާނެ ނަފުސާނީ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހިތްނުތަނަވަސް ވެދާނެފަދަ އަދި ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް މި ވޯކުޝޮޕުގައި ވަނީ ކުރެވިފައެވެ.

ސްޓްރެސް ރިސްޕޮންސް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން, ޓްރޯމާ އަދި ސްޓްރެސް އަކީ ކޮބައިކަމާއި، ފުލުހުންނަށް ދިމާވާ ޓްރޯމާ އަދި އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އިސްލާމީ ނަޒަރަކުން، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި އީމާންތެރިކަމާއި ނަފުސާނީ ދުޅަހެޔޮކަމާ އޮންނަ ގުޅުމާ ބެހޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

ފުލުހުންގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މި ވޯކްޝޮޕުގައި މައުލޫމާތުދެއްވީ, ސައިކޭޓްރިސްޓް ޑރ. މައުމޫން ޝަރީފް، އައްޝައިޚް އަހުމަދު ފަޙްމީ ދީދީ، ވިލާކޮލެޖްގެ ލެކްޗަރަރ އަދި ސައިކޮލޮޖިސްޓް އަޒްރާ އަބްދުއްސައްތާރުގެ އިތުރުން އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓަރުންނާއި ދަ ވައިބް ޖަމިއްޔާގެ ފެސިލިޓޭޓަރުންނެވެ.