ދިވެހިރާއްޖޭގައި ހިންގާ ދީނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގައި އެއްބާރުލުން" މި ޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި މި މަހާސިންތާގެ މަގްސަދަކީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގައި ދީނީ ޖަމިއްޔާތަކިގެ ދައުރު ފުޅާ ކޮށް އެ ޖަމިއްޔާތައް ބާރުވެރި ކުރުމެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މުޖުތަމައުގައި މަސައްކަތް ކުރުމުގެ ރޫހް އާލާ ކުރުމަކީ ވެސް މި މަހާސިންތާގެ ލަނޑުދަނޑިއެއް ކަމަށް އެ މިނިސްޓްރީއިން ހާމަކުރެއެވެ.

މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ހުރިހާ ދީނި ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މަހާސިންތާއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީގެ ނަންބަރު 9190923 ނުވަތަ 7638027 އަށް ގުޅުއްވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.