އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިންޑޮނޭޝިއާގައި މިސްކިތެއް ބިނާކޮށްފިއެވެ.

މިސްކިތަކަށް ބޭނުން ޖެހިފައިވާ ސަރަހައްދެއްގައި, އަމިއްލަ ފަރާތެއްގެ ފައިސާގެ އެހީގައި އައިއޭސީއިން ބިނާކުރި މި މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތް ކުރެވިފައިވާ މިސްކިތެކެވެ. އެއާ ކޮންޑިޝަން ކޮށްފައިވާ މި މިސްކިތަކީ, ވުޟޫ ކުރާނެ ޖާގައަކާއި ފާހާނާއެއްގެ އިތުރުން, ފުރޮލީ ގޮނޑީގައި އުޅޭ ފަރާތްތަކަށް މިސްކިތުގައި ހަރަކާތްތެރިވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ރޭމްޕަކާއެކު ބިނާ ކުރެވިފައިވާ މިސްކިތެކެވެ.

އައިއޭސީއިން "ހަލި" އަށް ހަބަރު ދިން ގޮތުގައި މި މިސްކިތް ބިނާ ކުރުމަށް ޖުމްލަ 61,002 ޑޮލަރު ވަނީ ހޭދަވެފައެވެ. ރާއްޖެ ރުފިޔަލުން ގާތްގަނޑަކަށް އެއް މިލިއަން ހަރަދުވި މި މިސްކިތް ބިނާ ކުރުމުގެ ހުރިހާ ފަންޑެއް ފޯރުކޮށްދިނީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތަކުން މި މިސްކިތް ބިނާ ކުރުމުގެ ފަންޑު ފޯރުކޮށްދިނީ އޭނާގެ މަރްހޫމު އަނބިކަނބަލުންގެ ނަމުގައެވެ.

"މަސްޖިދު އަލްމުހައިމިން" ގެ ނަމުން ނަން ދެވިފައިވާ މި މިސްކިތަކީ އިންޑޮނޭޝިއާގެ ސްކޫލަކާ ޖެހިގެން ބިނާ ކުރެވިފައިވާ މިސްކިތަކަށް ވާތީ, މި މިސްކިތުގައި ދީނީ އަޅުކަންކަމުގެ އިތުރުން އިޖުތިމާއީ ބައެއް ހަރަކާތްތައް ވެސް ކުރިއަށްދާ ކަމަށް އައިއޭސީއިން ހާމަކުރެއެވެ.

މިސްކިތް ބިނާ ކުރުމުގެ ފަންޑު ފޯރުކޮށްދިން ފަރާތް ވަނީ މިސްކިތް ހުޅުވާ, ނަމާދު ކުރަން ފެށިތާ ދުވަސްކޮޅެއް ފަހުން ނިޔާވެފައެވެ. އައިއޭސީއިން "ހަލި" އަށް ހަބަރުދިން ގޮތުގައި އެ ބޭފުޅަކު ނިޔާވީ, މިސްކިތް ރަސްމީކޮށް ހުޅުވުމަށް ޓަކައި އިންޑޮނޭޝިއާއަށް ދިޔުމަށް ފަހު އެނބުރި މާލެ އައިތާ ދުވަސްކޮޅެއް ފަހުންނެވެ.

ދީލަތި އެހީއަކާއެކު އިންޑޮނޭޝިއާގައި މިސްކިތެއް ބިނާކޮށްދެއްވި މި ފަރާތަށް ހެޔޮ ދުއާކޮށްދިނުމަށް އައިއޭސީއިން ވަނީ އެދިފައެވެ.