މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރުކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮއްފިއެވެ.

މި ނިންމުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ހުށަހެޅުއްވި މި ހުށަހެޅުން ބިނާވެފައިވަނީ ގަވަރނަރު ހާޝިމް އޭނާގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާކަމުގެ ތުހުމަތުތަކުގެ މައްޗަށެވެ. މާލިއްޔަތު ކޮމިޓީން ގަވަރނަރު ހާޝިމަށް އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ކޮމިޓީއަށް ހާޒިރުވުމަށް ތިން ފުރުޞަތެއް ދިނެވެ. ނަމަވެސް ހާޝިމް ވަނީ ކޮމިޓީ ބައްދަލުވުންތަކަށް ހާޒުރުނުވެ، ލިޔުމުން ރިޕޯޓެއް ހުށަހަޅުއްވާފައެވެ. އަދި، އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގާފައެވެ.

ގަވަރނަރު ހާޝިމްގެ ރިޕޯޓުގައި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އިޤްތިޞާދު ރައްކާތެރިކުރުމަށް އަޅަންޖެހޭ ކުއްލި ފިޔަވަޅުތަކާ ބެހޭގޮތުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އިންޒާރުދިނުމަށް އެމްއެމްއޭއިން ކުރި މަސައްކަތްތައް ފާހަގަކޮށްފައެވެ. ހާޝިމް ވަނީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި މާލީ ހީނަރުކަމުގެ ބިރު އުފެދިފައިވަނީ އެމްއެމްއޭގެ ލަފާ ސަރުކާރުން އަޅާނުލައި ދޫކޮށްލުމާއި މާލީ އިންތިޒާމުތައް ހަރުދަނާކޮށްފައި ނުވުމުގެ ސަބަބުން ކަމަށް ބާރުއަޅުއްވާފައެވެ. އަދި މި ހީނަރުކަމާ ކުރިމަތިލުމަށް އެންމެންގެ މަސައްކަތް ބޭނުންވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޓީން ފާހަގަކުރެއްވި ގޮތުގައި ހާޝިމް ގަވަރުނަރެއްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައި ނުވެއެވެ. ޚާއްޞަކޮށް ސަރުކާރުން އެތެރޭގެ މާކެޓުން ފައިސާ ހޯދަމުންދާ އަދި ހަރުދަނާ ގަވާއިދުތަކެއް ބޭނުންވާ ދަނޑިވަޅެއްގައެވެ. އަދި އެމްއެމްއޭ އެކްޓުގައި ބަޔާންކޮށްފައިވާ މައިގަނޑު މަޤްޞަދުތަކާ ގުޅޭގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން އެމްއެމްއޭ އިން ސަރުކާރަށް ލަފާ ދީފައިނުވާކަންވެސް ކޮމިޓީން ފާހަގަކުރިއެވެ.

ގަވަރުނަރަށް އިތުރު ފުރުޞަތެއް ދިނުމާމެދު ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓެއް ނެގުނެވެ. ނަމަވެސް، މެންބަރުންގެ އަޣުލަބިއްޔަތުން ވޯޓު ދެއްވީ އިތުރު ފުރުޞަތެއް ނުދިނުމަށެވެ.