އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޅ. އަތޮޅުގައި ކުރިއަށްގެންދާ ހިއްސާ ޕްރޮގްރާމުގެ ދެ ވަނަ ބުރު އޮޅުވެލިފުށީގައި ފަށައިފިއެވެ.
ފުލުހުން ބުނީ ޅ. އަތޮޅު ފުލުހުންނާއި އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކޮށް އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ކުލާސްތަކާއި އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މަހު 14 އިން 25 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އޮޅުވެލިފުށީގެ 40 މީހުން ބައިވެރިވެއެވެ.