ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ ފަރާތެއްކަން ކަށަވަރުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 134 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުންގެ ފެންވަރު އިތުރަށް މަތިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މިކަމުގައި ޤާނޫނު ތަންފީޒުކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ އިތުރުން ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު، ޚިދުމަތް ވީހާވެސް ގާތުން އަދި ރައްޔިތުން އެދޭ ގޮތަށް ބައްޓަންކުރުމަކީ މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ކަސްޓަމްސްގެ ޚިދުމަތަކީ ފޯރުކޮށްދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވަމުން، ވަޒީރު އިޙްސާން ވިދާޅުވީ ޔުނީފޯމް އަޅައިގެން ދެވޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫންކަމަށެވެ.
އަދި ކަސްޓަމްސްގެ ޚިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިން ދެވޭ އެންމެ އުނދަގޫ އެއް ޚިދުމަތްކަމަށާއި، ރައްޔިތުންނާ ގާތުން ސަލާމަތީ ކަންކަން ކަށަވަރުކުރުމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމުގައިވެސް ވަޒީރުގެ ވާހަކަފޫޅުގައި ފާހަގަކުރެއްވިއެވެ.
ކަސްޓަމްސްގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުންމީދުފުޅެއްކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށްވެސް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.