ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް އެމަނިކުފާނާ ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުމާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުން ހިމެނެއެވެ.
މީގެއިތުރުން ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި އެރަށުން އިތުރު ގޯތި ދިނުމާއި ސިނާޢީ ބޭނުންތަކަށް ބިން ހިއްކަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުގައި ނައިބު ރައީސް ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.