ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ 70 އިންސައްތަ ފުރިހަމަކުރެވެއްޖެ ކަމަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ.

މީގެ އިތުރުން، އައު ބަނދަރު ފުންކުރުމުގެ މަސައްކަތް 71 އިންސައްތަ ފުރިހަމަކުރެވި އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން:

  • 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
  • 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން
  • 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ރޭމްޕެއް ހެދުން
  • ކޮންކްރީޓް ޖެޓީއެއް ހެދުން
  • އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.