(11 ވަނަ ބައި)
"އައިޝާ، ހިނގާބަލަ މިއަދު ކުޑަކުދިންގެ ޕާކަށް ދާން. ކޮއްކޮ ބޭނުންތަ ދާން!" އައިޝާ އުފަލުން ފުންމައިގަތެވެ.
"ކޮއްކޮ ވަރަށް ބޭނުން ދާން! އައިސްކްރީމް ވެސް ބޯނީ ދޯ ނަވާދައްތާ! ... ބައްޕަ ވެސް ދާނެތަ!" އެންމެ ފަހު ޖުމުލަ އައިޝާ ބުނީ ނަވާރުގެ ހުއްދަ ހޯދާފަދަ ގޮތަކަށެވެ. އެއީ މައުސޫމު އަޑެެކެވެ.
"އައިޝާގެ ބައްޕަ ބިޒީ ނޫނީއްޔާ އަންނަން ބުނާނީ! ... ދޯ!" އައިޝާއަށް ދޯ ދެމުން ނަވާރު ފިރުމައިލީ އައިޝާގެ ބޮލުގައެވެ.
ގަޑިން ފަހެއް ޖެހިއިރު ނަވާރާއެކު އައިޝާހުރީ ގޮސް ކުޑަކުދިންގެ ޕާކުގައެވެ. ނަވާރުގެ ފޯނަށް ފާޒިލް ގުޅީ އައިޝާއާ ފޯނުން ނުގުޅުމުންނެވެ.
"އަހަރެން މިހިރީ އައިޝާ ގޮވައިގެން އައިސް ބޭރުގަ! އިރުކޮޅަކުން ދާނަން!" ނަވާރު ވާހަކަ ދެއްކީ އައިޝާއަށް ވީހާވެސް އަޑު ނީވޭނެ ވަރަށް މަޑުންނެވެ.
"ތިކަން އެނގެޔޭ! އެހެންވީމަނު މިއެހީ ކޮންތާކުހޭ!" ހިތްހަމަ ނުޖެހުނަސް ފާޒިލް ވާހަކަ ދެއްކީ މައިތިރިކޮށެވެ.
"ކުޑަކުދިންގެ ޕާކުގަ! އެކަމަކު އަހަރެމެން އިރުކޮޅަކުން ގެއަށް ދާނަން!" ނަވާރުގެ ސިކުނޑީގައި މި އެނބުރެނީ ކޮންކަހަލަ ދެކޮޅުވެރި ޚިޔާލެއްހެއްޔެވެ! ހާދަ ގޮތްދައްކަން އުޅޭ އަންހެނެކެވެ. ފާޒިލްއަށް ދަތްކުނޑި ވިކައިލެވުނެވެ.
އިތުރަށް ވާހަކަ ދައްކަން ނަހަދާ ފާޒިލް ފޯނު ކަނޑައިލީއެވެ. އެކަމަކު ސައިކަލުގެ މިސްރާބު ބެހެއްޓީ ކުޑަކުދިންގެ ޕާކާ ދިމާއަށެވެ. އެތަނުން އައިޝާ ގޮވައިގެން ކުޑަކޮށް ދުއްވާލަން ދިއުމުގެ ބޭނުމުގައެވެ.
މަގުގެ އެއްފަރާތުގައި ސައިކަލް ބެހެއްޓުމަށްފަހު ކުޑަކުދިންގެ ޕާކާ ދިމާއަށް ހިނގައިގަތް ފާޒިލްއަށް އަލީނާ ފެނުނީ އޭނަވެސް ކުޑަކުދިންގެ ޕާކަށް ވަންނަން ދަނިކޮށެވެ. އެހެން އަންހެނަކާ ކުޑަކުއްޖަކުވެސް އަލީނާ ކައިރީ ތިއްބެވެ.
"އަލީނާ!" ކުރީ ދުވަހު ފޯނު ނުނެގިޔަސް ފާޒިލްގެ ހިތްބުރަކަމެއް ނެތެވެ. ގޮވައިލީ އެހެންވެއެވެ. އަލީނާ ފަސް އެނބުރި ބަލައިލިއެވެ. އަލީނާއަށް ފެނުނީ ފުރިހަމަ ރީތި ފިރިހެނެކެވެ. އިޚުތިޔާރަކާ ނުލާ އަލީނާއަށް މަޑުކޮށްލެވުނެވެ. އެކުގައި ހިނގާފައި ދިޔަ މީހާއަށް އލީނާ ނާންނަކަން އެނގުމުން މަޑުކޮށްލާފަ ފަސް އެބުރި ބަލައިލިއިރު އޭނާއަށް ފެނުނީ ފަރިގޮތަކަށް ފިރިހެންކުއްޖަކަށް ބަލަހައްޓައިގެން އަލީނާ ހިނިތުން ވެލައިގެން ހުރިތަނެވެ. އެހެންކަމުން އެކުވެރިޔާއަށް ވަގުތު ދިނުމަށްފަހު އޭނަގެ ދަރިފުޅާއެކު އޭނަ ދިޔައީއެވެ.
"ގުޅީމޭ! ފޯނު ނުނަގަމެއްނު!" އަލީނާއާ އަރާ ހަމަވުމުން ހިނިތުންވެލަމުން ފާޒިލް ބުންޏެވެ.
"އެއީ ތަންކޮޅެއް ބިޒީ ގަޑިއެއް ވީމަ ނުނެގުނީ!" ގަސްތުގައި އަލީނާ ދޮގެއް ހެދިއެވެ.
އިތުރަސް ގުޅި ބޭނުމާ ބެހޭގޮތުން އަލީނާ ވެސް ނާހާތީ ފާޒިލްވެސް އެ ވާހަކައެއް ނުދައްކައެވެ. ފާޒިލް ހީކުރީ އަލީނާއަށް އައިޝާގެ ކަންކަން ކޮށްދެވެން ނެތީމާ އިތުރަށް ސުވާލު ނުކުރީ ކަމަށެވެ.
އެދެމީހުން ހިނގާލާފައި ގޮސް އެއްފަރާތެއްގައި ހުރި ބެންޗެއްގައި އިށީނީ އައިޝާމެން ނިކުމެގެން ދާއިރު ފާޒިލްއަށް ފެންނާނެތީއެވެ.
އިރު އޮއްސޭތީއާވެސް އެކު ފާޒިލް ވެސް ގުޅާފައި ހުރިތަނެއް އެހީތީވެ ނަވާރު ގަސްތުކުރީ މާ ލަސްނުކޮށް ގެއަށް ދިއުމަށެވެ. އައިޝާގެ އަތުގައި ހިފައިގެން ނިކުންނަން ދިޔަ ނަވާރަށް ފާޒިލްއާ ކުރީދުވަހު ލިފްޓް ތެރެއިން ދިމާވި އަންހެންކުއްޖާ ބެންޗެއްގައި އިށީނދެގެން ތިބިތަން ފެނުމުން ހައިރާންކަން ލިބުނެވެ. ނަމަވެސް އެ ދުވަހުވެސް އެ ކުއްޖާ ފާޒިލްގެ ވާހަކަ އަހާފައި އޮތުމުން ނަވާރުގެ ބޮލުގައި ރިއްސައިލިއެވެ. ފާޑަކަށް މޫނަށް ނުރުހުމުގެ އަސަރު ވެރިވެގެން ދިޔައެވެ. ފެންނަ ކަމަށް ވެސް ހަދާ ނުލައި ނަވާރު ދިޔައީ ކުރިޔަށެވެ.
ނަވާރު ނިކުންނަން އައިތަން ފެނުމުން އަލީނާ ބަލައިލީ ފާޒިލްއަށެވެ. ފާޒިލް މިތަނަށް މި އައީ މި މީހުން މިތާ ތިބުމުންކަން އަލީނައަށް އެނގުނެވެ. އެހެންކަމުން ފާޒިލްއަށް އެމީހުން ފެނުމުގެ ކުރިން އިތުރަށް ފާޒިލްގެ ޝައުގުވެރިކަން އަތުލަން އަލީނާ ބޭނުންވެ ވާހަކަ ބަދަލުކުކޮށްލިއެވެ.
"ކޮންއިރަކު މެރީކުރީ؟ އަހަރެން ހީކުރީ އައިޝާ ބަލާދޭނެ މީހަކު ހޯދަން އުޅުނީ ފާޒިލް ހުހަށް ހުންނާތީކަމަށޭ!" ހައިރާންކަން އެކުލެވިފައިވާ އަޑަކުން އަލީނާ ސުވާލުކުރުމުން ފާޒިލްއަށް ލިބުނު ހައިރާންކަން ވަކިން ބޮޑުވިއެވެ.
"ކޮންއިރަކު އަހަރެން މެރީ ކުރީ؟" ފާޒިލްއަށްވެސް ކުރެވުނީ ސުވާލެކެވެ.
"ތިހެންނު މަވެސް މި އެހީ!" ހެމުން ހެމުން އަލީނާ ބުންޏެވެ.
"ތީ ކީއްވެގެން ކުރި ސުވާލެއް؟" ހަގީގަތުގައިވެސް ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އޯކޭ! އަޅާނުލާ!" ފާޒިލް ހުރީ އަލީނާ އެދޭފަދައިން ހުހަށްކަން އެނގުމުން އެހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.
ގެއާ ހަމައަށް ދެވުުނުއިރުވެސް ނަވާރުގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަމަކަށް ބަދަލެއް ނާދެއެވެ. ހުރެވުނީ ފާޑަކަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވިފައެވެ. އެހެންކަމުން ނަވާރު ނިންމީ ފާޒިލް އަންނަނީ ކިހާއިރަކުންތޯ ބެލުމަށް ގެއަށް ނުވަދެ މަޑުކުރުމަށެވެ. ނަސީބަކުން ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓްފަހުން ފާޒިލް ދައްކާލައިފިއެވެ.
ފާޒިލް ސައިކަލް ޕާކްކުރުމަށްފަހު އައިސް ލިފްޓަށް ވަންނަންދެން ވެސް ނަވާރުހުރީ ބޭރު މަގުމަތީގައެވެ. ފާޒިލްގެ ފަހަތުން ލިފްޓަށް ވަނުމަށްޓަކައެވެ.
"ބައްދަލުވުން ނިމުނީތަ!" ޖެއްސުމުގެ ރާގަަކަށް ނަވާރު ބުނި އެއްޗެއް ފާޒިލްއަކަށް ފަހުމެއް ނުވިއެވެ.
"ހަމްމް، ނިމިގެން މިއައީ!" ފާޒިލްގެ ޖަވާބު އަޑުއިވުމުން ނަވާރަށް އިހުސާސްކުރެވުނީ ފާޒިލް އޭނާ ރުޅިއަރުވަން އުޅެނީކަމަށެވެ. އެހެންވެ މޫނު އަނެއްފަރާތަށް އަނބުރާލަމުން ދުރަށް ނަޒަރު ހުއްޓައިލިއެވެ. ފާޒިލްއަށް ނަވާރު ނުފެންނަކަމެއް ނަވާރަކަށް ނޭނގެއެވެ. ނަވާރު ހިތުން ފާޒިލް ނަވާރު ދެކޭނެއެވެ.
ދެވަނަ ފަންގިފިލާއަށް ލިފްޓް މަޑުކުރުމުން ފާޒިލް އަތް ދިއްކޮށްލީ އައިޝާއާ ދިމާއަށެވެ. ވަގުތުން ނަވާރު އައިޝާގެ އިނގިލިން ދޫކޮށްލާ ފަހަތަށް ޖެހިލިއެވެ. ނަވާރަށް ފާޒިލް ނުވެސް ފެންނަ ކަހަލައެވެ. ފާޒިލްއަށް ބަލައިލެވުނީ ނަވާރުގެ މޫނަށެވެ. އަދި އެއް މިޔަކަނުން ހީނލުމަށްފަހު އައިޝާ ގޮވައިގެން ހިނގައިގަތެވެ.
އައިރުޅިން ނަވާރަށް ދަތްކުނޑި ވިކައިލެވުނެވެ.
"ހަހް!" ނަވާރު އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.
ނަވާރު އުޅުނީ ހޮސްޕިޓަލުގައި އަވަދިނެތި ބަލިމީހުން ބެލުމުގައެވެ. ހެނދުނު ޑިއުޓީ އޮންނަ ދުވަސްދުވަހު ގެއަށް އަންނައިރު ބައެއް ދުވަސްދުވަހު އައިޝާ އެގޭގައި އުޅޭނެއެވެ. އެހެންނަމަވެސް ގިނަވާނީ އައިޝާ ލޮލަށް ނުފެންނަ ދުވަސް ދުވަހެވެ. އައިޝާއާ ދިމާވާ ދުވަސްދުވަހު ވީހާވެސް ގިނަވަގުތު އައިޝާއާ އެކު ހޭދަކުރެވޭތޯ ނަވާރު ބަލައެވެ. އައިޝާގެ ތުއްތު އަޑުން ސްކޫލްގެ ވާހަކަތައް ކިޔައިދޭ ވަގުތަކީ ނަވާރަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތުކޮޅެކެވެ. ނަވާރު ކޮޓަރިއަށް ވަންނާނީ މަޣުރިބުނަމާދަށް ބަންގި ގޮވުމުންނެވެ. އެއީ ހަށްޓަށް ލިބިފައިވާ ލޮޑުކަން ފިލުވައިލާ އަރާމުކޮށްލުމަށާ ނަމާދު ކުރުމަށެވެ. އެހާއިރުވާއިރުވެސް ފާޒިލްއެއް ނާދެއެވެ. އެކަމަށް ވިސްނާކަށް ނަވާރު ބޭނުމެއް ވެސް ނޫނެވެ. ފާޒިލް އަންނަންދެން މަންމަ އައިޝާ ގޮވައިގެން ސިޓިންގރޫމުގައި މަޑުކުރަނީއެވެ.
އެދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ފާޒިލް އުޅުނީ ވާރޭ ވެހިގަތުމުގެ ކުރިން އަވަހަށް ގެއަށް ދެވޭތޯއެވެ. ސައިކަލަށް އަރާ ސްޓާޓް ކުރަން އުޅެނިކޮށް ފޯން ރިންގްވާ އަޑު އިވެއެވެ. ނުނަގަން ނިންމާ ސައިކަލް ޕާކިންގޒޯންއިން ނެރެނިކޮށް ދެވަނަ ފަހަރަކުވެސް ރިންގްވާން ފެށިއެވެ. މިފަހަރު އެއީ ކޮންމެވެސް މުހިންމު ބޭނުމަކު ގުޅާ މީހަކަށްވެސް ވެދާނެކަމަށް ބަލައި ފަޓްލޫނުގެ ޖީބުން ފޯނު ދަމައިގަތެވެ. އަދި ސްކްރީނަށް އަރާފައިވާ އަލީނާގެ ނަން ފެނުމުން މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން އައެވެ.
"އަޅޭ! އަހަރެން ބަލާ އާދެވިދާނެތަ! އުޅެ އުޅެ ކާރެއް ވެސް ނުލިބިގެން!" ފޯނުން ހަލޯއޭ ބުނެވުނުތަނާ އަލީނާ އޭނަ ގުޅި ސަބަބު ކިޔަންފެށިއެވެ.
"ނިކުމެހުރޭ! މިދަނީ!" އެޑްރެސް އެހުމަށްފަހު ފާޒިލް ސައިކަލް ދުއްވައިލިއެވެ.
ވިއްސާރަގައި ނުޖެހި ގެއަށްދާން ހޮސްޕިޓަލުން ނިކުތް ނަވާރަށް ދެވުނީ ކުޑަތަންކޮޅަކަށެވެ. ހިމަފޮދު ވާރޭގެ ބަދަލުގައި ބޮޑެތި ފެންތިކިތައް އޮއްސައިގަތީ ކުއްލިއަކަށެވެ. ކައިރީގަިއ ހުރި ފިހާރަފަތީގެ އަސްކަނިދަށުގައި މަޑުކުރުމަށްފަހު މަގުންދާ އެތައް ކާރަކަށް ނަވާރު އަތް ހިއްލިއެވެ. އެކަމަކު ކާރެއް މަޑުކުރުމުގެ ޚިޔާލެއް ނެތްކަހަލައެވެ.
ގާތްގަނޑަކަށް ބައިގަޑިއެއްހާއިރަށް ވާރޭ ވެހުމަށްފަހު ވާރޭ ތުނިކޮށްލައިފިއެވެ. އެހެންވިޔަސް ގާ އަތުރާފައިވާ މަގުމަތި އޮތީ ފެންބޮޑުވެފައެވެ. މިހާލުގައި ގެއަށް ދާންޖެހޭނީ ހަމަ ކާރެއްގައެވެ. ނަވާރު ހިތަށް އެރިއެވެ.
އަނެއްކާވެސް ކާރެއް ލިބޭތޯ ނަވާރު މަސައްކަތް ކުރަން ފެށިއެވެ. މިފަހަރު ފިހާރައިގެ އަސްކަނި ދޮށުން ނިކުމެ މަގާވީ ފަރާތުގައި މަޑުކޮށްލައިގެން ހުރެ ދެތިން ކާރަށް އަތް ހިއްލިތަނާ ކާރެއް ލިބިއްޖެއެވެ.
ދުއްވާފައިދިޔަ ކާރު ނަވާރު ދިރިއުޅޭ އިމާރާތް ހުރި މަގުގައި މަޑުކުރުމުން ނަވާރު ކާރުން ފައިބާ ހެދުން ރަނގަޅުކުރަމުން ގެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ފަހަތުން އައި އަންހެން ކުއްޖަކު ނަވާރުގެ ކުރިން ބާރަކަށް ގޮސް ލިފްޓްގެ ފިތަށް ފިތައިލިއެވެ. ނަވާރަށް އެ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު ހުރިގޮތުން އެއީ ކާކުކަން ނަގައިގަންނާކަށް އުދަނގުލެއްނުވިއެވެ. އަޅާވެސް ނުލާ ނަވާރުވެސް އޭނަގެ ފަހަތުން ލަފްޓަށް ވަދެ ހަމަޖެހި ނުލެވެނީސް ތިންވަނަ މީހަކުވެސް ލިފްޓަށް ވަނެވެ.
"ނަވާ ކިހިނެއް ގެއަށް އައީ! ... މިބުނީ ކާރެއްގަހޭ!" ނަވާރު އިސްއުފުލައި ބަލައިލާ ވާހަކަ ދައްކާނެކަމުގެ އުންމީދުގައި ފާޒިލް ސުވާލުކުރިއެވެ. ކުރީ ދުވަހަށްފަހު ފާޒިލް ނަވާރެއް ނުދެކެއެވެ.
"ކާރެއްގަ!" ކުރު ކުރު ޖަވާބަކުން ނަވާރު ފުއްދައިލިޔަސް އެ އަޑުން ނަވާރުގެ ހިތްހަމަ ނުޖެހުން ފާޒިލްއަށް ފާހަގަ ކުރެވުނެވެ.
ލިފްޓް ގޮސް ދެވަނަ ފަންގެފިލާއަށް މަޑުކުރުމުން އަލީނާ ނިކުމެ ހިނގައިގަތެވެ. އެހެންނަމަވެސް އޭގެ ކުރިން ސިކުންތުކޮޅަކަށް އޭނާ މަޑުކުރީ ފާޒިލް ފައިބާނެ ކަމުގެ އުންމީދުގައި ފާޒިލްއާ އެކު ދިއުމަށެވެ.
ލިފްޓް މަސައްކަތް ކުރަން ފެށުމުން ފާޒިލް ބަލައިލީ ނަވާރުގެ މޫނަށެވެ. އެހެންނަމަވެސް ނަވާރު އެތާ ހުރީ އެކަނި މާއެކަނި ފަދައެވެ.
"މާ ބިޒީ ދުވަހަކީތަ!" ފާޒިލްގެ ސުވާލަށް ނަވާރު އަޅާވެސް ނުލިއެވެ. އަޑު ނުވެސް އިވޭ ފަދައެވެ.
""ނަވާ!" ފާޒިލް ގޮވައިލިއެވެ. ނަވާރު ހަމަ ހުރިގޮތަށް ހުރީއެވެ. ކުޑަކޮށް ކޮނޑު ހިއްލާލަމުން ފާޒިލް ޖިންސްގެ ޖީބަށް ދެއަތް ކޮއްޕައިލިއެވެ. އޭގެ ފަހުން ފާޒިލް ވެސް ނަވާރާ ވާހަކަ ދައްކާކަށް ނޫޅެއެވެ.
ތިންވަނަ ފަންގިފިލާއަށް ލިފްޓް މަޑުކުރުމުން ނުވެސް ދަންނަ ދެ ބީރައްޓެހިންފަދައިން ދެމީހުން ކުރިއަށް ހިނގައިގަތެވެ. ދެމީހުންގެ މަންޒިލް އެއް މަންޒިލަކަށް ވިޔަސް އެކަން އެކަކުވެސް ނުދެނަހުރިކަހަލައެވެ. ނަވާރުމެން ދިރިއުޅޭ ކޮޓަރިއާ ހަމަވުމުގެ ކުރިން ފާޒިލް ހިނގުން މަޑުޖައްސާލައި ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ނަވާރު ދިޔަގޮތަށް ގޮސް ކޮޓަރި ހުޅުވާލައި ބަންލާފައި ދޮރުފަތް ލައްޕާލިއެވެ. ފާޒިލްއަށް އެ އަޑު އިވުނެވެ. ސިއްސައިގެންވެސް ދިޔައެވެ. އެކަމަކުވެސް ނުވަދެ މަޑުކުރިއެވެ.
ނަވާރު ހީކުރީ ނަވާރުގެ ފަހަތުން ފާޒިލް އެތެރެއަށް ވަންނާނެ ކަމަށެވެ. ހީކުރި ގޮތް ނުވުމުން ނަވާރަށް ފަސް އެނބުރި ބަލައިވެސް ލެވުނެވެ. އެ ވަގުތު ސިކުނޑި ބުނެދިނީ އެ ވީގޮތް މާ ރަނގަޅުކަމަށެވެ. މޫނުމަތި ކިލަނބުވެފައި ހުރެ ނަވާރު ފާޒިލްއާ އެކު ވަންނަ އިރު މަންމަ ކުރިމަތީ ހުރެއްޖެއްޔާ އެތައް ސުވާލަކަށް ނަވާރު ޖަވާބުދޭން ޖެހޭނެއެވެ. މިހާރުވެސް މަންމަ އެ އިނީ ދެލޯ ބޮޑުކޮށްގެން ނަވާރަށް ބަލަހައްޓައިގެންނެވެ. ނުވިތާކަށް އައިޝާ އެ އިނީ ދެ ކަންފަތުގައި އަތް އަޅައިގެންނެވެ. ފާޒިލްގެ ނިންމުމާމެދު ފުރަތަމަ ފަހަރަށް ނަވާރުގެ ހިތުގައި ތަޢުރީފް އުފެދުނެވެ. އެއީ މަސްލަހަތަށްޓަކައި ނިންމި ނިންމުމެއްކަން ވިސްނުމުންނެވެ. އެކަމަކުވެސް ދެވަނަ ސިކުންތުގައި އަލީނާ އަރުވައިގެން ފާޒިލް އޮފީހުން އައިކަން އެނގުމުން ހިތުގައި އުފެދުނު ހައިޖާން އަނެއްކާވެސް އުތުރިގަތެވެ.
"އައިޝާ!" ރުޅިގަނޑު މައިތިރިކުރަމުން މޫނުމައްޗަށް ހިނިތުންވުން ގެންނަމުން ނަވާރު ގޮވައިލިއެވެ.
"މިއަދު ކޮންކަމަކާ ލައިގަނެގެން އުޅޭ ދުވަހެއް! ވިއްސާރަވީމަ މަންމަމެން ދެކެތަ ދަރިފުޅު ރުޅިއަންނަނީ!" ނަވާރުގެ މަންމައަށް ޖުމުލަ ފުރިހަކޮށްނުނިމެނީސް ދޮރުހުޅުވިގެން ދިއުމާއެކު ފާޒިލް އެތެރެއަށް ވަނެވެ.
"އަހަރެން ކޮންކަމަކާ ކާކު ދެކެ ރުޅިއަންނަންވީކީ! އަހަރެމެންކަހަލަ މީހުންނަށް ކިތަންމެ ވިއްސާރަޔަސް ގެއަށް އާދެވޭނީ ކާރެއް ލިބުނު އިރަކުންނު!"
-ނުނިމޭ-
ވާވް.ވ ރީތި