މިފަހަރުގެ ޔޫރޯގައި ސްޕެއިން ގައުމީ ޓީމުން ވިދާލި ޒުވާން ވިންގަރ ނިކޯ ވިލިއަމްސް ކުރިއަށް އޮތް ސީޒަނުގައި މަޝްހޫރު ބާސެލޯނާއިން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ސްޕެއިނުގެ އެތުލެޓިކޯ ބިލްބާއޯއަށް ކުޅެމުން އަންނަ ވިލިއަމްސް ގެނައުމަށް ބާސެލޯނާއިން ބިޑް ކޮށްފައިވާ ކަމަށް ސްޕެއިނުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ ބާސެލޯނާ އާއި ވިލިއަމްސްއާ ދެމެދު އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުުމުގެ މަރުހަލާ ކަމަށްވެސް ސްޕެއިނުގެ ނޫސްތަކުން ބުނެއެވެ.
ވިލިއަމްސް،22، އަކީ ބިލްބާއޯގެ ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އޭނާއާއެކު ސްޕެއިން ގައުމީ ޓީމަށް ކުޅެމުން އަންނަ ބާސެލޯނާގެ އުއްމީދީ ފޯވާޑް ލަމީން ޔަމާލްއާ ދެމެދު އޮންނަ އެކުވެރިކަން ވަރުގަދަވުމުގެ ސަބަބުން ބިލްބާއޯ ދޫކޮށް ބާސެލޯނާއަށް ވިލިއަމްސް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސްޕެއިނަށް މިފަހަރު ޔޫރޯ ކާމިޔާބު ކޮށްދިނުމަށް މިދެކުޅުންތެރިން ފޯވާޑް ލައިނުގައި ދެއްކި ޖާދޫ ވަނީ ސަޕޯޓަރުންގެ ހިތްތައް ފަތަހަ ކޮށްފައެވެ.
ބާސެލޯނާގެ ރައީސް ޔޮހާން ލަޕޯޓާ ބުނީ ވިލިއަމްސް އެކްލަބަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އަނެއްކޮޅުން ބިލްބާއޯގެ ކޯޗް އަދި ބާސެލޯނާއަށް ކުރިން އިރުޝާދުދިން އެނަސްޓޯ ވަލްވާޑޭ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ވިލިއަމްސްއާމެދު އެކްލްބުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ޗުއްޓީއަށްފަހު އެކްލަބުގެ ފަރިތަކުރުންތަކަށް ވިލިއަމްސް ނިކުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.