ޒަޔަނިސްޓް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ދިފާއީ ވަޒީރު މިއަދު ހެނދުނު ގުދުސްގެ މާތް މުގުދަސް ބިން، އަލް-އަގްޞާ މިސްކިތަށް ވަދެއްގަނެއްޖެއެވެ.

މިއަމަލުގެ ސަބަބުން، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިތަމާރު ބެން-ގްވީރު ބުނެފައިވަނީ އޭނާ އަލް-އަގްޞާ މިސްކިތް ސަރަހައްދަށް ވަނީ "ބޭކާރު އެއްބަސްވުމަކާއި ބޯލަނބާލުމެއް ނެތި" ރަހީނުން ދޫކޮށްލުމަށް ދުޢާކުރުމަށް ކަމަށެވެ.

މި ޢަމަލުގެ ސަބަބުން 9 މަސްދުވަސް ވެފައިވާ އިސްރާއީލް-ހަމާސް ހަނގުރާމަ ހުއްޓުވުމަށް އަމާޒުކޮށްފައިވާ ނާޒުކު މަޝްވަރާތަކަށް ހުރަސްއެޅުމުގެ ބިރު އެބައޮތެވެ. ޔަހޫދީ އިސްރާއީލުގެ މަޝްވަރާކުރާ ފަރާތްތައް ބުދަ ދުވަހު ވަނީ މިސްރުގެ ކައިރޯއަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ގޮސްފައެވެ.

އޭނަ މަސްޖިދުއް އަޤްސާއަށް ވަދެފައިމިވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ދަތުރުކޮށް ކޮންގްރެސްގައި ވާހަކަދައްކަންވެސް ދާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

އަލް-އަގްޞާ މިސްކިތުގެ ރަން ގުއްބު ކުރިމަތީގައި ހުރެ ބެން-ގްވީރު ބުނެފައިވަނީ އެނާ "ދުއާކޮށް، ވަރަށް ބުރަކޮށް މަސައްކަތްކުރަމުން" ގެންދަނީ ނެތަންޔާހޫ ބައިނަލްއަގުވާމީ ޕްރެޝަރަށް ބޯނުލަނބާ ޢައްޒާގައި ހިންގަމުންދާ ޒަޔަނިސްޓު ސިފައިންގެ ޢަމަލުތައް ކުރިއަށް ގެންދިއުމަށެވެ.

ނަސްލީ ތަފާތުކުރުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން ފަދަ ކުށްތަކުގައި ބެން-ގްވީރު މައްޗަށް ވަނީ އަށް ފަހަރެއްގެ މަތިން ކުށް ސާބިތުވެފައެވެ. ޒުވާން އުމުރުގައި އޭނާގެ ވިސްނުން ހައްދުފަހަނަައަޅާ މިންވަރަށް ހަރުކަށިވުމުގެ ސަބަބުން އަސްކަރިއްޔާއިންވެސް އޭނާ ވަނީ ބޭރުކޮއްލާފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބެން-ގްވިރުގެ ގެ މި އަމަލު ކުށްވެރިކޮށް، އެއީ "ޕްރޮވޮކޭޓިވް އިންޓްރޫޝަނެއް" ކަމަށާއި، މުސްލިމުންނާއި ޔަހޫދީން ދެބަޔައްވެސް މުޤައްދަސް ތަނެއްކަމުގައި ބެލެވޭ ގުދުސްގެ އަލް-އަގްޞާގެ ނާޒުކު ސްޓޭޓަސް ކޯއަށް ނުރައްކާވާފަދަ ކަމެއްކަމަށް ބުނެފައިވެއެވެ.

ރޭގަ ބޭއްވި ޖަލްސާއެއްގައި، ޒަޔަނިސްޓު ޕާލަމެންޓުން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުން ބަލައިނުގަތުމަށް ޤަރާރެއް ފާސްކުރިއެވެ. މި ރަމްޒީ ވޯޓަކީ ނެތަންޔާހޫގެ އެމެރިކާގެ ދަތުރުގެ ކުރިން ނެގުނު ވޯޓެކެވެ. މި ފިޔަވަޅަކީ އދ. ގެ ބައިނަލްއަޤްވާމީ ޢަދުލު ކޯޓުން ފަލަސްތީނު ސަރަޙައްދުތަކުގައި އިސްރާއީލުން 57 އަހަރު ވަންދެން ކުރަމުންދާ އޮކިއުޕޭޝަންގެ ޤާނޫނީ ހައިސިއްޔަތާ ގުޅޭގޮތުން ދޭން އުޅޭ މަޝްވަރާގެ ލަފާގެ ކުރިން އެޅި ފިޔަވަޅެކެވެ. މިއީ މިހާރު ހިނގަމުންދާ އިސްރާއީލު-ހަމާސް ހަނގުރާމައާ ގުޅުމެއް ނެތް މައްސަލައެކެވެ.

ހަމަ އެހެންމެ، ބުރާސްފަތި ދުވަހުގެ ފަތިހު، މެދުތެރޭ ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 11 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ޣައްޒާގައި 38،600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް އުފެދި، ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ދާން ވަނީ މަޖުބޫރުވެފައިވެއެވެ.