ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ދުނިޔޭގެ ޤައުމުތަކަށް ގޮވާލައިފިއެވެ.

ރާއްޖެއިން މިހެން ގޮވާލީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވަރސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވަމުން އެންވަަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވަރ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވަރލްޑް އޯޝަން ސަމިޓް ބާއްވާ ޤައުމުތަކުން ގުޅިގެން އ.ދގެ 75 ވަނަ އާއްމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް"ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއްކަމަށާ ރާއްޖޭގައި 2023 ވަނަ އަހަރަށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށާއި، ފާއިތުވި ދޮޅުއަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 7 އަތޮޅުގައި މިކަންތައް ހާސިލުކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" އިން 2021 ން 2030އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ދިވެހިރާއްޖެއިން ޤައުމުތަކަށް ގޮވާލާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ. އަދި މިކަމަށް އިތުރަށް ތާއީދު ހޯދުމަށްޓަކާ ދިވެހިރާއްޖެއިން "ގްލޯބަލް އޯޝަން އެލިއަންސް" އާއި މިހާރު ގުޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10 އިންސައްތަ އަދި ކަނޑޫފާތަކުގެ 20 އިންސައްތަ 2025 ވަނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ 6 އިންސައްތަ އަދި ކަނޑޫފާތަކުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މިހާރު ހިމާޔަތްކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

.