ހުޅުމާލެ މަގުތަކަކީ އެކްސިޑެންޓު މަދު ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި ހުޅުމާލެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީއިން މީޑިއާތަކަށް ހަބަރުދިން ގޮތުގައި މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ, ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަނެ މެދުވެރިވާތީ އާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމުގައެވެ.

އެހެންކަމުން ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރު ބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލުތަކެއް ގެނައުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑްއެބައުޓް) ގާއިމުކުރުގެ އިތުރުން ސައިންބޯޑު ހަރުކުރުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީއިން މައުލޫމާތު ދޭގޮތުގައި މަގުތަކަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް, ސައިންބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށިގެންދާނެއެވެ. އެޗްޑީސީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މަގުތަކުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.

ހުޅުމާލެ މަގުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނެސް ނިމުމުން, ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ, މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.

އެޗްޑީސީއިން އަންނަނީ, ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް, ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.