ޖަރުމަނުގައި އެމެރިކާއިން ދުރު ރާސްތާ މިސައިލްތައް ބެހެއްޓި މައްސަލައަށް ރައްދު ދިނުމުގެ ގޮތުން ނިއުކްލިއަރ މިސައިލްތައް ރުކުރުވާލަން ޖެހިދާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސާޖީ ރަޔަބްކޯވް ވިދާޅުވެއްޖެއެވެ.
ވީ ކިހިނެއް؟
އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން" އިން އިއްޔެ ހާމަކުރި ގޮތުގައި ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ފޯރާވަރުގެ ދިގު ރާސްތާ މިސައިލް އެމެރިކާއިން ޖަރުމަނުގައި 2026 ވަނަ އަހަރު ރުކުރުވާލާނެއެވެ. އެމެރިކާއިން ޖަރުމަނުގައި ރުކުރުވާލާނެ ކަމަށް އިއުލާން ކޮށްފައި ވަނީ SM-6 missile، Tomahawk cruise missile އަދި Long Range Hypersonic Weapon (LRHW)) އެވެ. ހައިޕަރސޮނިކް މިސައިލް ރުކުރުވާލަނީ ބޭނުން ޖެހިއްޖެ ހިނދެއްގައި އެއްގަމު މަގުންވެސް ރަޝިޔާއަށް ހަމަލާ ދެވޭނެ ގޮތަށެވެ.
އެމެރިކާ އާއި ޖަރުމަނުގެ މި އަމަލުތަކަކީ ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރުން ކަމަށް ރަޝިޔާގެ މަސްޢޫލުވެރިން ވަނީ ސިފަ ކޮށްފައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވީ ކީކޭ؟
ޚާރިޖީ ވަޒީރުގެ ނައިބު ރަޔަބްކޯވް ވިދާޅުވީ އެމެރިކާ އާއި ޖަރުމަނުން ކުޅޭ ކުޅިވަރު ބަލަން ރަޝިޔާ މަޑުން ނޯންނާނެ ކަމަށާއި މިހާލަތުގައި ރަޝިޔާގެ ނިއުކްލިއަރ މިސައިލްތައް ރުކުރުވާލަން ފަސްނުޖެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ހުޅަނގުން މަސައްކަތް ކުރަމުން ދަނީ ރަޝިޔާ-ޔޫކްރައިން މައްސަލައަށް ހައްލެއް ހޯދާކަށް ނޫން. އެމެރިކާ އާއި ގުޅިގެން ހުޅަނގުން އަޅާ ފިޔަވަޅުތަކަށް ރަޝިޔާއިން ރައްދު ދޭނެ. އެކަމަކު އެއީ އެއްވެސް ގައުމަކަށް ބިރު ދެއްކުމަށް ކުރާ ކަމެއް ނޫން" ޚާރިޖީ ވަޒީރުގެ ނައިބު ރަޔަބްކޯވް، ރަޝިޔާގެ ރަސްމީ ޓީވީ "ޓާސް" އަށް ވިދާޅުވިއެވެ.
ރަޝިޔާގެ ނިއުކްލިއަރ ބާރު
ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ނިއުކްލިއަރ ހަތިޔާރު ހުރި ގައުމެވެ. އެމެރިކާއިން އަންދާޒާ ކުރާ ގޮތުގައި ރަޝިޔާ އަތުގައި 5،580 ނިއުކްލިއަރ ހަތިޔާރު އެބަހުއްޓެވެ. އެމެރިކާގައި ހުރީ 5،428 ނިއުކްލިއަރ ހަތިޔާރެވެ. ނިއުކްލިއަރ އެންމެ ވަރުގަދަ ސަބްމެރީންވެސް އޮތީ ރަޝިޔާގައި ފާހަގަ ކޮށްލެވެއެވެ.