ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށާއި އދ.އިން ހިންގަމުން އަންނަ ސްކޫލަކުން ރައްކާތެރިކަން ހޯދައިދިގެން ތިބި އާންމުންގެ ގަޔަށް ބޮން އަޅައި ޒަޔަނިސްޓް އިޒްރޭލުން ފަލަސްތީނުގެ 12 މީހުން ފާއިތުވެދިޔަ ސައްވީސް ގަޑިއިރު ތެރޭގައި ޝަހީދު ކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނުސީރާތު ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 5 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. އަދި އދ.އިން ހިންގަމުން އަންނަ ސްކޫލަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 7 މީހުން ސަހީދުވެފައިވާ ކަމަށެވެ. މިއީ މިދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުން ސްކޫލުތަކަށް ދިން މިފަދަ 9 ވަނަ ލާއިންސާނީ ހަމަލާއެވެ.

އެތައް އަހަރެން ވަންދެން ޣައްޒާ ހިސާރުކޮށްގެން ތިބުމަށްފަހު ޒަޔަނިސްޓް އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ވަޔާއި އެއްގަމާއި ކަނޑުގެ މަގުން ޢުދުވާންތައް ފެށީ މިދިޔަ އޮކްޓޫބަރު މަހުުގެ 8 ވަނަ ދުވަހުއެވެ. 2.3 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާއަށް މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާ ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. އަދި ސާޅިސްހާހެއްހައި މީހުން ޝަހީދުވެ، ޣައްޒާގެ އާބާދީގެ %80 އަށްވުރެ ގިނަަ ރައްޔިތުންގެ ބޯހިިޔާވަހިކަން ވަނީ ގެއްލިފައެވެ.