ކިޔައިވެގެން ތިބި ޢިލްމީ މޮޅެތި މީހުން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިޔަން ރުފިޔާ ހަމަޖައްސަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ކުރި ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވީ ތަފާތު ދާއިރާތަކުން ހާސިލް ކުރައްވައިގެން ތިބި މޮޅެތި މީހުން ދިވެހި ގައުމަށް ބޭނުންވާ ކަމަށެވެ. ތައުލީމީ މީހުންނަށް ސަރުކާރުން އެކަށީގެންވާ މުސާރަ ނުލީބޭތީވެ، ރާއްޖެއިން ބޭރުގެ ވަޒީފާތަކުގައި ވަރަށް ގިނަ ދިވެހިން ތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
"މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރަ ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރާނަން" ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވީ ބޭރުން ތައުލީމް ހާސިލް ކުރުމަށްފަހު ރާއްޖެ ނާންނަ އެއްސަބަބަކީ ގޯތި ގެދޮރުގެ މައްސަލަކަމަށެވެ. "މިސަރުކާރުން ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރާނަން. އޭރުން، އަމިއްލަ ދިރިއުޅުމެއް ފަށަން، އަދި އާއިލާއެކު ދިރިއުޅެން ބޭނުންވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ފަހިވެގެންދާނެ" ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ މިވަގުތު ބޭރު ގައުމުތަކުގެ ވަޒީފާތަކުގައި ތިބި ދިވެހިން ޤައުމަށް އައުމަށް ވިސްނުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.