މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅުންހުރި ކަމަށް ބެލެވޭ އައިޓީ ސިސްޓަމްތަކުގެ މައްސަލައެއްގެ ސަބަބުން، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ބޭންކުތަކާއި އެއާލައިންތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަނުގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ.

މޮގޮތުން، ރާއްޖެގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތަކުގައި ޑިލޭތަކާ މެދުވެރިވުން އެކަށީގެންވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބު އަދި ސާފުކޮށް ދެނެގަނެވިފައި ނުވި ނަމަވެސް، މިއީ މައިކްރޮސްފްޓް ވިންޑޯސްއާ ގުޅުންހުރި މައްސަލައެކަން ވަނީ ކަށަވަރުވެފައެވެ. މައިކްރޯސޮފްޓްގެ ތަރުޖަމާނަކު މަޢުލޫމާތު ދީފައިވާ ގޮތުން، ބައެއް ޚިދުމަތްތައް މިހާރު ވަނީ އަލުން ފަށައިގަނެވިފައެވެ.

މި ހާދިސާގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ އޮސްޓްރޭލިއާއަށެވެ. އެ ޤައުމުގެ އެއާޕޯޓުތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، ބޭންކުތަކާއި ވިޔަފާރިތަކަށްވެސް މީގެ ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.އޮސްޓްރޭލިއާގެ އިތުރުން، ސްޕެއިން، އެމެރިކާ އަދި އިންޑިއާ ފަދަ ޤައުމުތަކަށްވެސް މި މައްސަލައިގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ހަމައެހެންމެ، ހޮންގްކޮންގް އަދި ލޮސް އެންޖެލަސް ފަދަ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގެ އިތުރުން އެހެން ގިނަ އެއާޕޯޓުތަކުގެ މަސައްކަތްތައްވެސް މި ވަގުތު ވަނީ މުޅިން ހުއްޓިފައެވެ.