ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީއިން ފެށި "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާ ކޮށްދެއްވައި "އޮޕަރޭޝަން ކުރަނގި-ފޭސް 2" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިރޭ އިފްތިތާހް ކޮށްދެއްވައިފިއެވެ.

"އޮޕަރޭޝަން ކުރަނގި-ފޭސް 2" ރައީސް ޑޮކްޓަރ މުއިއްޒު އިފްތިތާހް ކޮށްދެއްވީ މިރޭ އެކަމަށްޓަކައި ދަނރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމުން، އެ ބިދޭސީ މީހާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ކަށަވަރު ކުރެވޭނެއެވެ.

ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ "އޮޕަރޭޝަން ކުރަނގި-ފޭސް 2" ގެ ދަށުން ތައްޔާރު އެޕްލިކޭޝަންގެ ފުރިހަމަ އެކްސެސް ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ދޭނެ ކަމަށެވެ.

"މީގެ ސަބަބުން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަަ، އެމީހާގެ ފޮޓޯގެ ނެގުމަށްފަހު، އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، ކީއްކުރަން ރާއްޖެ އައިސް ހުރި، ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެން ދާނެ" މިނިސްޓަރ އިހްސާން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ގަވައިދާ ހިލާފަށް އުޅޭ މައްސަލަ ހައްލު ކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހާއި މިމަހުވެސް ވަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މީގެ އިތުރުން އިމިގްރޭޝަނުން މިމަހުގެ 17 ވަނަ ދުވަހު ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތައާރަފް ކޮށްފައެވެ.