ލާމަރުކަޒީ ނިޒާމު މިހާރު ތަންފީޒު ވެފައި އޮތީ ވަރަށް ބުރަހެލިކޮށް ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްގެން މާފުރިހަމަ ހިދުމަތްތަކެއް ރައްޔިތުންނަށް ދެވިދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނާރެސް" އިފްތިތާހް ކުރުމަށާއި "އޮޕަރޭޝަން ކުރަނގި ފޭސް-2" އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމް މިހާރު ފެންނަން އޮތީ ސައިޒު ބޮޑުވެ، ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ނުހިނގާ ނިޒާމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކައުންސިލަރުންގެ އަދަދު މަދުކޮށް މާރަނގަޅަށް ރައްޔިތުންނަށް ފައިދާވޮތަށް ކައުންސިލްތައް ހިންގޭނެކަމަށާއި، އެކަމުގެ ދިރާސާކުރެވި، އެކަށިގެންވާގޮތަށް ބަދަލު ކުރުމަށް ވިސްނަވާފައިވާކަމަށެވެ. އެކަމަކު ގޮތެއް ނިންމަވާނީ މިކަމާ ގުޅޭ ގޮތުން ކުރައްވަމުން ގެންދަވާ ފަންނީ ދިރާސާތައް ނިމުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ރައީސް ގެންނަން ބޭނުންފުޅުވާ ބަދަލުތައް:

  • 3،000 ދަށުގެ އާބާދީތަކަށް 3 ކައުންސިލަރުން
  • 3،000 - 10،000 ދެމެދު އާބާދީތަކަށް 5 ކައުންސިލަރުން
  • ސިޓީތަކަށް، މިހާރަށްވުރެ ކައުންސިލަރުންގެ އަދަދު ގިނަ ނުވާނެ ފޯމިއުލާއެއް.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްގައި ތިއްބަވާ ސިވިލްސަރވަންޓުންގެ މުސާރަ ރަނގަޅު ކުރުމަށް އެފައިސާ ބޭނުން ކުރެވިދާނެ ކަމަށެވެ. މިއާއެކު ކައުންސިލްތަކުުގެ މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތަށް އެދެވޭ ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.