ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑްރަޑްގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގޭންގު ހަދައިގެން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ވަރަށްބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލަތައް ކަމުގައެވެ.

އަދި އެމައްސަލަތަކަށް ހައްލު ގެނެވިއްޖެނަމަ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ކައުންސިލުތަކާއި އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި ކަމާބެހޭ މިނޫން ހުރިހާ ފަރާތްތައްވެސް ގުޅިގެން މަސައްކަތްކޮށް އެހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ނާރެސް ޕޯޓަލް، އިފުތިތާހު ކޮށްދެއްވާފައެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި އަދި ސަރުކާރުގެ އެކި އިދާރާތަކުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.