"އާނާ..." ޔުޢާނާ އާއި ދެފިޔަވަޅު ދުރުގައި ހުއްޓެމުން އަޒިކިޔަލް ގޮވާލިއެވެ. ކުއްލިގޮތަކަށް ބަލާލުމަށްފަހު ޔުޢާނާ ހަށިގަނޑު ސީދާކޮށްލީއެވެ. ދަތުރު ފެށުނީއްސުރެ އަޒިކިޔަލްގެ ސިއްރު ނަޒަރުތައް އޭނާއަށް ވަނީ ފާހަގަ ވެފައެވެ. އެންމެނާ ދުރުން ގަހެއްގެ ނިވަލުގައި އޭނާ ހުރީ ވެސް އަޒިކިޔަލް އެދިއެދި ހުރި ފުރުޞަތު އޭނާއަށް ފަހިކޮށްދިނުމަށެވެ. ވާހަކަދައްކާލަން ބޭނުން ކަމަށް އަޒިކިޔަލް ބުނީއްސުރެ އޭނާގެ ހިތް ކެތްމަދުވެފައިވީ އަޒިކިޔަލް ބުނަން އުޅޭ އެއްޗެއް އެ ދުލުން އަޑުއަހާލުމަށެވެ.
ކުރިމައްޗަށް އައިސް ހުއްޓުމާއެކު އަޒިކިޔަލް ބަލާލި ފުން ނަޒަރުން ޔުޢާނާ ރަކިވާ ގޮތްވިއެވެ. އަދި ވެސް އެ ހިތުގެ އެންމެ ހިމަ ނާރަށްވެސް ބާރުފޯރުވުމުގެ ޤާބިލްކަން އަޒިކިޔަލްއަށް ލިބިގެންވާކަމާމެދު ޝައްކެއްނެތެވެ.
"އާނާ އަހަންނާ ވާހަކަދައްކާލަން މަޑުކޮށްލަންވީނު" ގަސްތަކުގެ ބިއްދޮށަށް ޖެހިލުމަށް އިޝާރާތްކުރަމުން އަޒިކިޔަލް ބުނެލީ މަޑުމައިތިރި ރާގަކަށެވެ. ވަކި އެއްޗެކޭ ނުބުނި ނަމަވެސް ޔުޢާނާ އަޒިކިޔަލް އިޝާރާތް ކުރި ފަދައިން ކަންތައްކުރުމުން އޭނާ އަށް ވާހަކަ ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ.
ގަސްގަހުގެ ފަތްތަކުތެރެއިން ފުރޭނިގެން މޫނަށް އެޅިފައިވި ކޮކާ އަވީގެ ތެރެއިން އަޒިކިޔަލްގެ ކަޅުކަންގަދަ ދެ ލޯ ވިދާލާ ވިދުވަރެއް ފަދައެވެ. ތަނަވަސް ނިތްކުރިއަށް ރޫއަރުވާލައިގެން ދުރަށް ބަލަހައްޓައިގެން ހުރިއިރު ހިންދިރުވާލި ވަގުތު އެ ކޯކަށިގަނޑު ހެލިލިގޮތުން ޔުޢާނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދާހިއްލާފައި ހުރުމުގެ ސަބަބުން ލައިގެންހުރި އަޅިކުލައިގެ ޖާޒީ ތަތްލާފައި ހުރިއިރު އެ ކަސްރަތީ ހަށިގަނޑު ވަރަށް ރަނގަޅަށް ފާހަގަވެއެވެ. އަޒިކިޔަލްގެ ފިރިހެންވަންތަކަން ވިއްޔާ ވީ އިތުރޭ ޔުޢާނާގެ ހިތް ބުނެލިއެވެ.
ތުނިކޮށް ފަޅާފައިވި ތުނބުޅީގައި އިނގިލިތައް ހިންގާލަމުން އަޒިކިޔަލް ކަރުކެހިލިއެވެ. ޔުޢާނާ އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ދުރަށް ނަޒަރު ހިންގާލިއެވެ.
"އާނާ... ޔޫޙްގެ ބައްޕަ އަކީ ކާކު؟" ޔުޢާނާގެ މޫނަށް ވެރިވި ހައިރާންކަމުގެ ކުލަވަރާއެކު އަޒިކިޔަލްއަށް އަވަސް ނަޒަރެއްް ދެވުނީ އެ ބަރު އަޑުން ކުރި ސުވާލުންނެވެ.
އަޒިކިޔަލް ފަރުވާތެރިކަމާއެކު ޔުޢާނާގެ މޫނަށް ބަލާލި އެވެ. ނަމަވެސް އެ މޫނެކޭ ކުލައެއްނުވާ މަލެކޭ އެއް ފަދައެވެ. އޭނާގެ ހިތަށް މުޅި ދުވަހު އަބަދާއަބަދު އުނދަގޫކުރަމުންދިޔަ ސުވާލުން ވެސް އެ މޫނުގެ ކުލަވަރަށް ބަދަލެއް ނައެވެ.
"ކިހިނެއްވީ ތިހެން ތި އެ ހީ؟" އަސަރެއް ނެތް ރާގަކަށް ޔުޢާނާ ބުނެލީ ޝައުގުވެރިކަމެއް ނެތްގޮތަކަށް ފައިން ފަސްގަނޑު ހާވަން ހުރެއެވެ.
އަޒިކިޔަލްގެ ކަޅުކަންގަދަ ބޯ ބުމަ އިހުނަށްވުރެ ކައިރިވިއެވެ. ލޯ ހިމަކޮށްލަމުން އޭނާއާއި ދިމާލަށް ބަލާލި ނަޒަރުން ޔުޢާނާގެ ގައިން ހީބިހި ނަގާ ގޮތް ވިއެވެ.
"މިބުނި އެއްޗެއްގެ މާނަ ޔުޢާނާއަށް ހަމަ ނޭނގެނީތަ؟" އަޒިކިޔަލްގެ އަޑު އިހުނަށްވުރެ ފުންވެއްޖެއެވެ. ޔުޢާނާގެ ހިތުގެ ތެޅުން އިތުރުވިއެވެ. ސިކުނޑިއަށް ބާރުލައި ވިސްނާލުމާއެކު ވާނުވާ ކުޑަކޮށް ރޯފިލައިފިއެވެ.
އަޒިކިޔަލް އެ ހީކުރަނީ އަނެއްކާ ޔޫޙްއަކީ އޭނާގެ ދަރިއެއް ކަމަށް ހެއްޔެވެ. ޔޫޙްގެ ސިފަތައް އެންމެ ބޮޑަށް އެއްގޮތީ ވެސް ޔުޢާނާއާއި ވިއްޔާއެވެ.
"އެއީ އަޒިކިޔަލްއާއި އެއް ވެސް ލޭގެ ގުޅުމެއް ހުރި ކުއްޖެއް ނޫން" އިތުރު ތަފްސީލަކަށް ދާން ޔުޢާނާ ބޭނުމެއްނުވިއެވެ. ނަމަވެސް ކުރިއަށް ދާން ނެގި ފިޔަވަޅު މައްޗަށް ގަނޑުވީ އަޒިކިޔަލް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓުމުންނެވެ.
"އަޒިކިޔަލް..." ބާރަށް ބުނަން ބޭނުންވީ ނަމަވެސް އަޑު ނިކުތީ ކިރިޔަކިރިޔާއެވެ. އެ ބާރުގަދަ ތޫނު ދެ ލޮލާއި ހަތަރުކަޅި ހަމަވުމާއެކު ލައިލައި ހުރި ނޭވާ ވެސް ހިނދުރީގައި ތާށި ވެއްޖެއެވެ.
"އަދި ވެސް ތިއީ އަހަރެންގެ އަންބެއްކަން އާނާ ހަނދާން ނެތުނީތަ؟" އަޒިކިޔަލްގެ ކެތްތެރިކަން ކޮޅުންލީއެވެ. ޔުޢާނާ ފެނުނީއްސުރެ އޭނާގެ ހިތަށް އަރާމެއް ލިބުމެއްނެތެވެ. އެދެނީ އޭނާގެ ލޯބިވާ އަނބިމީހާއަށް ހިތުގެ އަޑު އިއްވާށެވެ. ނަމަވެސް ޔުޢާނާގެ ފަރާތުން ފެނުނު އަޅާލުންކުޑަކަމުން އޭނާގެ ހިތުގައި ރިހުމެއް އުފެދިއްޖެކަން ގައިމެވެ.
އަޒިކިޔަލްގެ ފުން ދެ ލޮލަށް ގެއްލި ޔުޢާނާގެ ހިތުގެ ލަޤަން އޭނާގެ އަތުން ދޫވާގޮތްވިއެވެ. އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކުރި ވަގުތު ސިއްސައިގެން ދިޔައީ ދުރުން އަޝްބާ ގޮވަމުން އަންނަ އަޑު އިވުމުންނެވެ.
ޔުޢާނާ އަވަސްއަވަހަށް އަތްދަމައިގަންނަން އުޅުމުން އަޒިކިޔަލް އިހުނަށްވުރެ ބާރަށް އޭނާގެ އަތުގައި ހިފާލިއެވެ. އެ ވަގުތު ކުރިމަތިން ފާޅުވި އަޝްބާ އެ ދެ މީހުންނަށް ބަލާލީ ފާޑަކަށެވެ.
"އައްކި. މަންމަ ވަރަށް އެބަ ގޮވައޭ" އަޒިކިޔަލްއަށް ބަލާލަމުން އަޝްބާ ބުނެލިއެވެ. އެ ވަގުތު އަތް މިނިވަންކޮށްލަމުން ދުރަށް ޖެހުނު ޔުޢާނާއަށް ބަލާލަމުން އަޒިކިޔަލް ހިނގައިގަތީ ޙާލަތު ނިޔާކުރި ގޮތާމެދު ހިތްހަމަނުޖެހުނު ވަރުންނެވެ.
އަޒިކިޔަލް ނިކުމެގެންދިޔަ ދިމާލަށް ބަލަހައްޓައިގެންހުރި ޔުޢާނާއަށް ސިހުމެއް ލިބުނީ ކުރިމައްޗަށް އައިސް ހުއްޓި އަޝްބާ ޗުސް ޖަހާލުމުންނެވެ. މަލާމާތުގެ ވައްތަރަކަށް ފައިންފެށިގެން ބޮލަށް ބަލާލުމަށްފަހު އަޝްބާ ބުނެލި ޖުމްލައިން ޔުޢާނާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"ހިތަށް ނާރައްޗޭ ދެވަނަ ފަހަރަކަށް އަޒިކިޔަލް ތިޔަ މަޅީގަ ޖެހޭނެއޭ" ތުންފަތަށް އަޝްބާ ގެނައި މަލާމާތުގެ ހިނިތުންވުމުން ޔުޢާނާއަށް ވީ މަޖަލެވެ.
"ޔަޤީނުންވެސް އަހަރެންގެ ފިރިމީހާ ކޮންމެ ކޮންމެ މަޅިއެއްގަ ނުޖެހޭނެކަން އަޝްބާއަށް ވެސް އެނގޭނެ ކަންނޭނގެ މިހާރު" ޔުއާނާގެ ރައްދުން އަޝްބާގެ ހިނިތުންވުން އެކީއެކައްޗަށް ފިލައިގެންދިޔައެވެ. އަޝްބާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން ޔުއާނާއަށް ހޭން ފެށުނީ ބޭއިހްތިޔާރުގައެވެ.
އަނބުރާ ރަށަށްދިޔަ ފެރީމަތިީ ފޮރުވަން އުޅުނު ނަމަވެސް ޔުޢާނާއަށް ދިޔައީ ހިނިތުންވެވެމުންނެވެ. އަޒިކިޔަލްއަށް ޔަޤީނުންވެސް އެ އުޅެނީ ޔޫޙް އޭނާއަށް މަންމައޭ ކިޔާ ގޮވި އަޑު އިވިގެންނެވެ. މަންމައެއްގެ ލޯބިން މަޙްރޫމްވެފައިވާ ކުޑަކުޑަ ޔޫޙްއަށް "ނަންނަ" އެ ނަން ޔުޢާނާއަށް ނިސްބަތްކޮށް ގޮވަން ފަރިތަކޮށްދޭން މަސައްކަތްކުރި ނަމަވެސް އެ ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. ޔުޢާނާ އެކަމާ އަޅާނުލަނީ އެއީ އޭނާ ދަރިއެއް ފަދައިން ބަލައިގެންފައިވާ ކުއްޖަކަށް ވާތީއެވެ.
ޔުޢާނާ އިށީނދެގެންއިން ސީޓު ކައިރިއަށް އައިސް ހުއްޓިލަމުން އަޝަލް ފޯނު ދިއްކޮށްލީ އެ ޚިޔާލުތަކުގައި އޭނާ ވަނިކޮށެވެ. ވީޑިއޯ ކޯލެއްގައި އިން ފޯނުގެ ސްކްރީނުން ޔޫޙް ފެނުމާއެކު ޔުޢާނާގެ މޫނު އުޖާލާވެއްޖެއެވެ.
"ބައްޕި އާދޭ މަންމި އެކީ" ސްޕީކަރަށް ލެވިފައިވި ފޯނުން އިވުނު އަޑުން ކައިރިން އަޅާފައި ދިޔަ އަޒިކިޔަލްއަށް ހުއްޓެވުނެވެ. ދެ ބުމަ ގާތްވުމާއެކު އަޒިކިޔަލްއަށް ފަސްއެނބުރި ޔުޢާނާގެ ނުތަނަވަސްކަން ވެރިވެފައިވި މޫނަށް ބަލައިލެވުނެވެ.