އިޓަލީގެ ސެރިއާއަށް މި ސީޒަނުގައި ޕްރޮމޯޓުވި ކޯމޯގެ ކޯޗުގެ މަގާމަށް ސެސް ފެބްރިގާސް ހަމަޖައްސައިފިއެވެ.

މި ދިޔަ ސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކާ, އިޓަލީގެ ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޝަން ހޯދި ކޯމޯގެ ވަގުތީ ކޯޗެއްގެ ގޮތުގައި ފެބްރިގާސް ވަނީ މަސައްކަތް ކޮށްފައެވެ. މި ދިޔަ ސީޒަނުގައި އޭނާގެ އިރުޝާދުގެ ދަށުން ކޯމޯ ހޯދި ފޮނި ނަތީޖާތަކުގެ ސަބަބުން އެ ކްލަބުން ވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެެއްގެ މަތިން ފެބްރިގާސް އެ ކްލަބުގެ ކޯޗުގެ މަގާމަށް އައްޔަނު ކޮށްފައެވެ.

ކޯމޯގެ ހެޑް ކޯޗުގެ ގޮތުގައި އައްޔަނު ކުރުމުން, ކުރިން ސްޕެއިންއަށް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެދިން ފެބްރިގާސް ވަނީ އެ ކަމާ އުފާފާޅުކުރާ ކަމަށް ހާމަކޮށްފައެވެ. ކޯމޯގެ މެނޭޖްމަންޓުން އޭނާއަށް އިތުބާރުކުރުން ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

"ކޯމޯގެ ހެޑް ކޯޗުގެ ގޮތުގައި މި ސީޒަން ފަށްޓަން ލިބުމަކީ އަހަރެން ވަރަށް އުފާ ކުރާ ކަމެއް. އަހަންނަށް އިތުބާރުކޮށް މި މަގާމު ދިނީތީ ކޯމޯގެ މެނޭޖްމަންޓަށް ޝުކުރުއަދާ ކުރަން. މިއީ, ކޯމޯގެ އުޖާލާ ކުރި މަގުގެ ފެށުން ކަމަށް އަހަރެން ގަބޫލު ކުރަން" ކޯމޯގެ ހެޑް ކޯޗަށް އައްޔަނު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފެބްރިގާސް ބުންޏެވެ.

ފެބްރިގާސްއަކީ ފުޓުބޯޅަ ދުނިޔޭގައި އަލިގަދަ ތަރިއެކެވެ. ރިޓައާވުމުގެ ކުރިން, ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ އެތައް ކާމިޔާބީއެއް ހޯދާފައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު, 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯއެވެ.