އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ގާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މިކަމަށް މަރުޙަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސް މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއްކަން ފާހަގަކުރައްވައި ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ އެކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިސްރާއީލުގެ ނާއިންސާފު އަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފައެވެ.

އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައި.ސީ.ޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވަފައިވެއެވެ.