އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ހޯދި ކާމިޔާބަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ މިއަދު ބޭއްވި ހަ ބައި އިލެކްޝަނުން ފަސް ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށާއި، ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތައް އަދި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޕީއެންސީގެ ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަކީ، ފާތިމަތު އިޝާން އަލީ (މައްޗަންގޮޅި މެދު ދާއިރާ)އާއި، އަލީ އައިމަން (ހުޅުމާލެ ދާއިރާ)އާއި، ފާތިމަތު ޝައުފާ ސަލީމް (ހެންވޭރު ހުޅަނގު ދާއިރާ)އާއި، އިބްރާހިމް އަހުމަދު (ކުޅުދުއްފުށި އުތުރު ދާއިރާ)ގެ އިތުރުން އަރީހް އިސްމާއިލް (ބިލެއްދޫ ކައުންސިލުގެ ރައީސް)އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 13،112 މީހުން ކަމަށެވެ. ނަމަވެސް އިންތިހާބުގައި 4 ޖެހުމާއި ހަމައަށް ވޯޓު ލީ 26.91 އިންސައްތަ މީހުން ކަމަށާއި ވޯޓު ނުލާ 73.09 އިންސައްތަ މީހުން ތިބި ކަމަށްވެސް އީސީން ބުނެފައިވެއވެ.