ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އަދި ޖެނުއަރީ 15 ގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މިއަދު އިރުއޮއްސި 06:45 އަށް މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

މި މައްސަލައިގައި ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ނެރެފައިވަނީ ވަގުތީ އަމުރެކެވެ. މި ވަގުތީ އަމުރަކީ އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ.

އެގޮތުން ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ ވަގުތީ އަމުރަކީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކޮށްފައިވާ އަމުރެކެވެ.

މި ވަގުތީ އަމުރު ނެރެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން، ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް ޕީޖީ އޮފީހުން އެދުމުން ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވެއެވެ.