ސުވާލު:ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެމަސް ދުވަހުގެ ދިގު ޗުއްޓީ އަކަށް ފަހު 2012 މާރޗް 1 ވަނަ ދުވަހު ޗުއްޓީ ނިންމަވާ މަޖިލީހަށް އަލުން ނިކުންނެވިއެވެ. އެހެންނަމަވެސް، އެދުވަހުން ފެށިގެން އެބޭފުޅުންގެ ތެރެއިން ބަޔަކު ވަނީ މަޖިލިސްތެރޭ ބަޣާވާތްކޮށް ހަމަނުޖެހުން އުފައްދަމުންނެވެ. މިއަދާއި ހަމައަށްވެސް ބޭއްވިފައިވަނީ އެންމެ ޖަލްސާ އެކެވެ. އެދުވަހުވެސް ކަން ހިނގާ ދިޔައީ އިންސާނަކު ލަދުން ބޯފަޅައިގެންދާ ފަދަ ދަށުދަރަޖަ އަކަށެވެ. އަޅުގަޑު މިމެމްބަރުންނަށް ކިޔަނީ "ރަޢްޔިތުންނަށް ޙަރާންކޯރުވީ، ރަޢްޔިތުންގެ މުދާ ނުޙައްގު ގޮތުގައި ފޭރޭ މަޖިލިހެވެ". ސުވާލަކީ، މި މެމްބަރުންގެ މުސާރަކޮޅު ހަމަ ޙަލާލުވާނެބާއޭ؟
ޖަވާބު (ޖަވާބު ދެއްވީ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް)
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
މަޖިލިސް މެމްބަރުންނަކީ، އެމެމްބަރަކު ނިސްބަތްވާ ދާއިރާ އެއްގެ ރަޢްޔިތުންގެ ޙާޖަތްތައް ފުއްދައި ދިނުމުގައި ވަކާލާތު ކުރުމަށް އިންތިޚާބު ކުރެވިފައިވާ ބަޔެކެވެ. މެމްބަރު ކަމަށް އިންތިޚާބު ވުމުގެ ކުރިން ރަޢްޔިތުންގެ ގާތުގައި އެތަކެއް ވަޢުދު ތަކެއްވެފައިވާ ބަޔެކެވެ. އެހެންކަމުން، މެމްބަރުންނަކީ ވަރަށް ބޮޑު އަމާނާތެއް ކޮނޑުފުޅުގައި އަޅުއްވައިގެން ތިއްބެވި ބަޔެކެވެ. އެއަމާނާތަށް ފުރިހަމަ އަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި އެއަމާނާތް އޭގެ އަހްލުވެރިންނަށް ރައްދުކޮށް ދޭން ޖެހޭނެއެވެ. ސޫރަތުއް ނިސާގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا) މާނައަކީ: " ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ."
މަޖިލިސް މެމްބަރުންނަށް މުސާރަ ކަނޑައެޅިފައިވަނީ އެބައިމީހުން ކޮށްދޭ ޚިދުމަތަކަށް ޓަކައެވެ. އެޚިދުމަތް ރަޢްޔިތުންނަށް ކޮށްނުދީ މުސާރަ ނަންގަވާ ކަމަށްވަނީނަމަ އެކަން ވެގެންދާނީ މަކަރާއި ޙީލަތުން ނުޙައްގު ގޮތުގައި ރަޢްޔިތުންގެ ފައިސާ ކެއުން ކަމަށެވެ. ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ!"
ވީމާ، ޢިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން އޮތީ މުސާރަ ޙައްގުވާ ވަރަށް މަސައްކަތް ކުރައްވާށެވެ. މަސައްކަތް ނުކުރެއްވޭނަމަ، އެދުވަސްތަކުގެ މުސާރަ ނުނަންގަވާށެވެ. ޙަލާލު އެއްޗެއް މެނުވީ އަނބިދަރިންނަށް ކާން ނުދެއްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أيما جسد نبت من حرام فالنار أولى بــه ) މާނައަކީ: "ޙަރާމް އެއްޗެއް ކައިގެން ހެދިފައިވާ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑު ތަނަކީ ނަރަކައެވެ." والله أعلم
(ނޯޓް: ލިޔުމުގެ އަސްލު ނެގިފައިވަނީ ދިއިސްލާމް.ކޮމް އިންނެވެ).
މަސައްކަތް ނުކުރާބަހުގެ މާނައަކީ ކޮބާތޯ ބޭފުޅާ، މެމްބަރުން ކޮންމެ ދުވަހަކު މަޖިލީހަށް ދޭ ނޫންތޯ ގޮއްސަ އެކުރަން އޮންނަ ކަމެއް ކޮށްފައި ގެޔަށް އަންނަނީ ހަވީރު ނޫންތޯ. ދާއިރާގެ މީހުންގެ ކޯލުތަކަށް ޖަވާބު ދޭ ނޫންތޯ. އެމީހުން ބުނީމާ އެކި މީހުން ކައިރީގައި އާދޭސްކޮށްގެން ވަޒީފާ ތަކާއި ޕްރޮމޯޝަންވެސް ހޯދާ ދޭނޫންތޯ. ފައިސާއެހީވެސް ވެދޭ ސަރުކާރުގެ ތެރެއިން ކުރެވެން ހުންނަ ކަންކަމުގައިވެސް އެހީތެރިވެދޭ، ބަލިވެގެން ރާއްޖެއިން ބޭރަށްދާއިރުވެސް އެހީވޭ. ކޮން ކަމެއް ނުވެގެން މި އުޅެނީ