ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަފުދެއް ޗައިނާއަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.

މި ވަފުދުގެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ ޗައިނާ-ދެކުނު އޭޝިއާ އެއްބާރުލުމުގެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމެވެ. މި ފޯރަމުގައި މިޖިލިސްގެ ނައިބު އަޙްމަދު ނާޒިމު ތަގުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސްގެ ނައިބުގެ އިތުރުން މި ދަތުރުފުޅުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ރިފާޢު، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމްދީދ، މިލަންދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙަސަން މުފީދު ޢަބްދުލްޤާދިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން ޒިޔާދު ބައިވަރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ. މިވަގުތު ދިވެހި ސަރުކާރުގެ ތިން ވަޒީރެއް ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައެވެ. ރައީސް މުޢިއްޒުވެސް މިއަހަރު ކުރީކޮޅު ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތްކޮއްފައިވެއެވެ.