ދިވެހިރާއްޖޭގެ މޫސުމާބެހޭ މައުލޫމާތު ދެނެގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިދާ ގުގުރުމުގެ މައުލޫމާތު ދެނެގަތުމުގެ ނިޒާމެއް ތައާރަފްކޮށްފިއެވެ.
މި ނިޒާމު ތައާރަފްކޮށްފިވަނީ ޗައިނާގެ އެކަޑަމީ އޮފް ސައިންސަސްގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިންގ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އާ ދެމެދު އޮތް އެއްބާރުލުމުގެ ތެރެއިންނެވެ.
މި ނިޒާމު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމެވެ.
މި ނަޒާމާއެކު ދުރު ހިސާބުތަކުން ވިދުވަރާއި ހޮނު ދެނެގަތުމުގެ އިކްވިޕްމެންޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރުކުރެވިފައިވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ޒަމާނީ ނިޒާމު ސަރަޙައްދީ ވިއުގައަކާ ގުޅާލުމުން ދިވެހިރާއްޖެއާއި ވަށައިގެން ވާ ސަރަޙައްދުގައި އުފެދޭ ވިއްސާރަ ވިލާތަކާއި ވިދާ ގުގުރުމުގެ ހާދިސާތައްް ދެނެގަތުމާއި، ފްލައިޓް އިންފޮމޭޝަން ރީޖަންގައި ހިނގާ ވިދުވަރުތައް ރިއަލް-ޓައިމްކޮށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން މޫސުމާބެހޭ މައުލޫމާތު ދެނެގަތުމުގެ ޤާބިލިއްޔަތުވެސް އިތުރުވެ، އާންމުންނަށާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކަށް ދެވޭ އިންޒާރުތައް ރަނގަޅުވެގެންދާނެކަމަށް ބެލެވެއެވެ.
މީގެ ސަބަބުން އެމްއެމްއެސްއަށް ދިވެހިރާއްޖޭގައި ހިނގާ ވިދުވަރާއި ވިއްސާރަ ވިލާގަނޑުތައް ރިއަލް-ޓައިމްކޮށް ދެނެގަނެވޭނެއެވެ. މިއީ މޫސުމާބެހޭ މައުލޫމާތު އަންދާޒާކުރުމާއި ކުރިން އިންޒާރުދިނުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެކެވެ.
މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށްޓަކައި، ކައިރި ހިސާބުތަކުން ވިދުވަރު ދެނެގަތުމުގެ އާލާތްތައް ކައިރި މުސްތަޤްބަލެއްގައި ހަރުކުރުމަށް ރޭވިފައިވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އައު ވިދުވަރު ދެނެގަތުމުގެ ނެޓްވޯކުން ވިލާގަނޑުތަކުގެ ތަފާތު މަރުޙަލާތައް ވަކިކޮށް، އޭގެ ދަތުރުކުރާ މިސްރާބު ދެނެގަނެ، އަދި ބައިނަލްއަޤްވާމީ ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ޤަވާއިދުތަކުގެ ދަށުން ނެރޭ މޫސުމާ ބެހޭ އިންޒާރުތަކާއި (ސިގްމެޓް) އަދި ކުރިމަގުގެ މޫސުމާ ބެހޭ ލަފާތަކުގެ (ޓްރެންޑް) ފުރިހަމަކަން އިތުރުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރިއެވެ.