ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.

ފުލުހުން ބުނީ ކޯސް ފެށުމަށް މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން ކަމަށެވެ.

މި ރަސްމިއްޔާތުގައި، ކޮލެޖުގެ އިސް ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިން އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ. ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދަރިވަރަކު ވެސް ކޯހުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުންނާއެކު ޖުމުލަ 199 ފުލުހުން ބައިވެރިވެއެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.

މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.