ސައުދީގެ އަލްއިއްތިހާދުން މެންޗެސްޓާ ސިޓީގެ ހުނަރުވެރި ގޯލްކީޕަރު އެޑާސަން މޮރައެސްގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓު, ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި އަލްއިއްތިހާދަށް ސޮއި ކުރުމަށް އެޑާސަން ޝައުގުވެރިކަން ދައްކާފައިވާ ކަމަށެވެ. ނަމަވެސް ސިޓީއިން ވަނީ 70 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމުން ނޫނީ އެޑާސަން އެ ކްލަބުން ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ހާމަކޮށްފައެވެ.

އަލްއިއްތިހާދުން އެޑާސަން ހޯދުމުގެ މަސައްކަތް ފަށާފައި މި ވަނީ ސައުދީގެ އެހެން ކްލަބެއް ކަމުގައިވާ އަލްނަސްރުން އޭނާއަށް ބިޑު ކުރިތާ ހަފްތާއެއް ފަހުންނެވެ. ނަމަވެސް އަލްނަސްރުން އެޑާސަންގެ ސޮއި ހޯދުމަށް ހުށައެޅި 30 މިލިއަން ޕައުންޑުގެ ފީ ސިޓީއިން ގަބޫލު ނުކުރުމުން އެ ކްލަބުން ވަނީ އޭނާ ގެނައުމުގެ މަސައްކަތް ހުއްޓާލާފައެވެ.

ބްރެޒިލްއަށް އުފަން އެޑާސަންއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ފުޓުބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ސިޓީގެ ފުރަތަމަ އެގާރައިން އަބަދު ވެސް ފުރުސަތު ލިބޭ އެޑާސަން ވަނީ, އެ ކްލަބުގައި ހޭދަ ކުރި 7 އަހަރުގައި 300 އަށްވުރެ ގިނަ މެޗު ކުޅެދީ, 12 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި ޕްރިމިއާ ލީގުގެ ގޯލްޑެން އެވޯޑު ހާސިލުކޮށްފައެވެ.