އާޖެންޓީނާއާއެކު ދާދި ފަހުން ކޮޕާ އެމެރިކާ ހިއްލާލި ލައުޓާރޯ މާޓިނޭޒް, އިންޓާ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

މާޓިނޭޒް, އިންޓާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރި ކަން ޔަގީން ކޮށްދިނީ އެ ކްލަބުގެ ރައީސް ބެޕޭ މަރޯޓާއެވެ. ސްކައި ސްޕޯޓްސްއަށް ދިން ބަސްދީގަތުމެއްގައި މަރޯޓާ ހާމަކުރި ގޮތުގައި މާޓިނޭޒް އޭނާގެ ޗުއްޓީ ނިންމުމަށްފަހު ކްލަބުގެ ކޭމްޕާ ގުޅުމުން ކޮންޓްރެކްޓް އާކުރިކަން ރަަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.

"އަހަރެމެން މާޓިނޭޒްގެ ކޮންޓްރެކްޓް އާކޮށްފިން. އޭނާ ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ކްލަބާ ގުޅުމުން އެކަން ރަސްމީ ކުރުމުގެ މަރުހަލާތައް ކުރިއަށް ދާނީ" ސްކައި ސްޕޯޓްސްއާ ހަވާލާދީ މަރޯޓާ ބުންޏެވެ.

އިންޓާއިން އެންމެ ފަހުން މާޓިނޭޒްގެ ކޮންޓްރެކްޓް އާކުރީ 2021 ވަނަ އަހަރުއެވެ. އެ އަހަރު މާޓިނޭޒް ސޮއި ކުރި އާ ކޮންޓްރެކްޓަކީ 2026 ވަނަ އަހަރުގެ ޖޫން މަހަށް ހަމަވާ ކޮންޓްރެކްޓެވެ. އެ ކޮންޓްރެކްޓުގައި އަދި ދެ އަހަރު ބާކީ އޮތް ކަމުގައިވިއަސް އިންޓާއިން މި ވަނީ އޭނާ އެ ކްލަބުގައި އިތުރު އަހަރުތަކަކަށް ބެހެއްޓުމަށް ޓަކައި އޭނާގެ ކޮންޓްރެކްޓު އާ ކޮށްފައެވެ.

ދާދި ފަހުން ނިމުނު ކޮޕާ އެމެރިކާގެ ޓޮޕް ސްކޯރަރު ކަމުގައިވާ މާޓިނޭޒްއަކީ އިންޓާ މިލާނުގައި މި ވަގުތު ހުރި އެންމެ ނުރައްކާތެރި ފޯވާޑެވެ. އޭނާއަކީ ފާއިތުވެ ދިޔަ ތިން ސީޒަނުގައި ވެސް އިންޓާގެ ޓޮޕް ސްކޯރަރެވެ. އޭގެ އިތުރުން އޭނާ ވަނީ މި ދިޔަ ސީޒަނުގައި އިޓާލިއަން ސެރިއާގެ ޓޮކް ސްކޯރަރުކަން ވެސް ހޯދާފައެވެ.