މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ "މީޑިއާ މައުރަޒު 2024' ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އިފުތިތާހުކޮށްދެއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ނައިބު ރައީސް އިފުތިތާހު ކޮށްދެއްވީ މިއަދު މެންދުރުފަހުއެވެ.
މީޑިއާ މައުރަޒު 2024 އަކީ ފާއިތުވި 8 މަސް ދުވަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށްޓަކައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މާދަމާ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖަހަންދެނެވެ.
މި މައުރަޒު އިފުތިތާޙުކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރައްވާފައެވެ.
މި މައުރަޒުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކޮންމެ ސެކްޝަނެއްގެ ވަކިވަކި ސްޓޯލް ތައްޔާރުކޮށްފައިވެއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އަދި ފަތުވާ މަޖިލިސް ހިމެނޭހެން ޖުމްލަކޮށް މި މައުރަޒުގައި ހިމެނެނީ 9 ސްޓޯލެވެ. އަދި މީގެން ކޮންމެ ސްޓޯލަކުންވެސް އެ ދާއިރާއަކުން ކުރަމުންދާ މަސައްކަތްތަކާއި މިހާރު ހާސިލްކުރެވިފައިވާކަންކަމާއި އަދި ކުރިއަށް ރޭވިފައިވާ ކަންކަން ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި މައުރަޒުގައި "ސްޓެޓިސްޓިކްސް" ނުވަތަ ތަފާސްހިސާބު ދައްކައިދިނުމަށާއި މައުލޫމާތު ކުރުކޮށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ޕޯސްޓަރުތައް ބަހައްޓާފައިވެއެވެ.
މިއީ މިފަދަ ގޮތަކަށް މީޑިއާއަށް ހާއްސަކޮށް މައުރަޒެއް މިނިސްޓްރީއަކުން ބާއްވާ ފުރަތަމަ ފަހަރެވެ.