ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިއަދުވެސް ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިހެން ބުނީ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބާރ ގުރޫޕުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެ އިދާރާއިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

މެޓުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހެނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އުތުރުގެ ކަނޑުތައް އަދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން މިއަދު ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުއެވެ.