12 ވަނަ ބައި

"މިއަދު ކޮންކަމަކާ ލައިގަނެގެން އުޅޭ ދުވަހެއް! ވިއްސާރަވީމަ މަންމަމެން ދެކެތަ ދަރިފުޅު ރުޅިއަންނަނީ!" ނަވާރުގެ މަންމައަށް ޖުމުލަ ފުރިހަކޮށްނުނިމެނީސް ދޮރުހުޅުވިގެން ދިއުމާއެކު ފާޒިލް އެތެރެއަށް ވަނެވެ.

"އަހަރެން ކޮންކަމަކާ ކާކު ދެކެ ރުޅިއަންނަންވީކީ! އަހަރެމެންކަހަލަ މީހުންނަށް ކިތަންމެ ވިއްސާރަޔަސް ގެއަށް އާދެވޭނީ ކާރެއް ލިބުނު އިރަކުންނު!" ނަވާރަށް ބޭއިޚުތިޔާރުގައި ހިތުގައި އުފެދިފައިވާ އުދާސް ބޭރުކޮށްލެވުނެވެ.

"ދަރިފުޅާ އައިޝާ، ހިނގަ ދަމާ!" ނަވާރު ބުނިއެއްޗެއް ފާޒިލްއަށް އަޑުއިވުނުހެނެއް ހިއެއްނުވެއެވެ. ނަވާރަށް ޔަގީންވާކަމަކީ ފާޒިލް އޭނަގެ އެވާހަކައަށް އެއް ވެސް ސަމާލުކަމެއް ނުދޭކަމެވެ. އައި ރުޅިންނާ ވީ ދެރައިން ނަވާރުގެ ލޮލުން ކަރުނަ ހިލުނެވެ. ބާރަކަށް ހިނގާފައި ނަވާރު ގޮސްވަނީ ކޮޓަރިއަށެވެ. އޭރު ސައިބޯން އިށީންނަން ފާޒިލް ކައިރީ މަންމަ ބުނާ އަޑު ނަވާރަށް އިވެއެވެ. އެއީވެސް ނަވާރު އިތުރަށް ރުޅިގަދަވި އަނެއް ސަބަބަށް ވެގެން ދިޔައެވެ.

ދޮންމަންމަ ސައިބޮއެގެން ދާން އެދުނަސް ނަވާރުކަންތައް ކުރި ގޮތުން އެގޭގައި އިތުރަށް މަޑުކުރާކަށް ފާޒިލްއަކަށް ނުކެރުނެވެ. އޮފީސް ނިންމާލާފަ ސައި ބޮއެގެން އައިކަމަށް ބުނުމަށްފަހު ފާޒިލް އައިޝާ ގޮވައިގެން ދިޔައީއެވެ.

ކުރިންވެސް ފާޒިލްއަށް ފެނުނީ ގޮތް ދޫނުކުރާ ނަވާރެކެވެ. އެކަމަކު މިހާރު އަދި އެ ގޮތް ދޫނުކުރުން ތަފާތުގޮތަކަށް ފާޒިލްއަށް ފާހަގަ ކުރެވުނެވެ. އަނެއްކާ ނަވާރަކީ ސައިކޯ ކުއްޖަކީހެއްޔެވެ! އެހެނެއް ނުވާނެއެވެ. ކޮންމެވެސް ސަބަބަކާ ހެދި ނަވާރު އޭނަ ދެކެ ރުޅިއަންނަނީއެވެ. ފަހަރެއްގައި ދޮންމަންމަ ފާޒިލްއަށް މާބޮޑަށް އިސްކަންދޭކަމަށް ނަވާރަށް ފާހަގަކުރެވޭތީ ރުޅިއަންނަނީކަމަށް ވެސް ވެދާނެއެވެ. ނުވަތަ އޭނަގެ މަންމަ ލައްވާ އެހެން ބައެއްގެ ޚާއްސަކޮށް ހީނާ ކަހަލަ މީހެއްގެ ދަރިއެއް ބަލުވަން ޖައްސާތީ ކަމަށްވެސް ވެދާނެއެވެ.

ފާޒިލް ވަރަށް ވިސްނިއެވެ. ކޮންމެވެސް ގޮތެއް ހޯދަން ފާޒިލް ނިންމިއެވެ. އަދި ރީތިކޮށް ދޮންމަންމަ ގާތު އައިޝާ ބަލާދޭނެ އެހެންމީހަކު ހޯދާނީއޭ ބުނާނީއެވެ.

ފާޒިލްއާ މެދު ނުވިސްނަން ނިންމައިގެން ހުއްޓަސް އެ ގޮތަކަށް ނަވާރުގެ ހިތް އެއްބަހެއް ނުވިއެވެ. ޚިޔާލަށް އަންނަނީ މިއަދު ލޮލަށް އެ ފެނުނު މަންޒަރެވެ. ފާޒިލްގެ ސައިކަލުގެ ފަހަތުގައި އަލީނާ އިށީނދެ އިންގޮތެވެ. އެދެމީހުންގެ ދެމެދު ހުރި ދުރުމިނެވެ. އެ ވާރޭކަނިތަކުގެ ތެރޭ... އެ ފިނި ފިނި ވަގުތުގައި... އެ ދެމީހުންގެ މޫނުމަތިން ފެނުނު އުފާވެރިކަން... ނަވާރަށް ދެލޯ މަރައި ބާރުކުރެވުނެވެ. އަދި މަޑުމަޑުން ކަނާތުގެ އަތްތިލައިން މޫނު ފޮހެލެވުނެވެ. ނަވާރު އޮތީ ދާހިއްލާފޯވެފައިކަން ވެސް ނަވާރަށް އެނގުނީ އެހިސާބުންނެވެ.

"އަޅޭ! އަހަންނަށް މިވަނީ ކީއްތަ!... ފާޒިލްއާ މެދު އަހަރެން ވިސްނަންވީ ކީއްވެ!... އަހަންނަށް ފާޒިލް ކަމަކުވެސް ނުދޭނު! ... ދެން ކީއްވެ... ކީއްވެ!" ނަވާރަށް އޮށޯވެ އޮންނަން އުދަނގޫވުމުން ތެދުވެ އެނދުގެ މަގަތުގައި ދެފައި ތިރިއަށް އެލުވާލައިގެން ދެއަތް ގޮދަޑިމަތީ ވިއްދައިގެން އިށީނދެވުނެވެ. އިސް ޖަހާލައިގެން އިނދެވުނު ނަވާރަށް ކުރިމަތީ ހުރި ސިންގަލް އެނދުގައި ނަވާރާ ދިމާއަށް ބަލަހައްޓައިގެން މަންމަ އޮތްކަންވެސް ރޭކާ ނުލީ ނަވާރުގެ ދުނިޔޭގައި ނަވާރު އެކަނި އުޅޭތީއެވެ.

ޖެހިގެން އައި ދުވަހެވެ. ދުވާލުގަޑީގައި އައިޝާ ބަލަހައްޓައިދޭނެ މީހަކު ލިބޭތޯ ފާޒިލް މަޝްވަރާ ކުރީ އޮފީހުގައި ފާޒިލްއާ އެކު މަސައްކަތްކުރާ ރައްޓެއްސަކާއެވެ. ކަންދިމާކުރިގޮތުން އޭނަގެ ވެސް އައިޝާ ވަރުގެ ކުއްޖަކު ހުރެއެވެ. ދެ ކުލާހެއްގައި ތިއްބަސް އެކުއްޖާ ވެސް ދަނީ އައިޝާ އާ އެއް ސުކޫލަކަށެވެ. އޭނަގެ އަންހެނުންނަކީ ގޭގައި ހުންނަ މީހަކަށް ވާތީ ފާޒިލް އޮފީހަށް ދަމުން އައިޝާ އެގެއަށް ލީމާ އޭނަގެ އަންހެނުން އައިޝާގެ ކަންކަން ކޮށްދީފާނެކަމަށް އެ ރަޙުމަތްތެރިޔާ ބުންޏެވެ. އެހެންކަމުން ރަޙުމަތްތެރިޔާގެ އަންހެނުންނާ ވާހަކަ ދައްކާ އަގެއް ކަނޑައަޅަން ފާޒިލް އޭނަ ގާތު ބުންޏެވެ.

ރަޙުމަތްތެރިޔާގެ އަންހެނުންގެ ޖަވާބު ހިފައިގެން ރަޙުމަތްތެރިޔާ ފާޒިލްއަށް ގުޅީ އެރޭ ފާޒިލް ކާން އިންދައެވެ. އައިޝާވެސް އިނީ ކާނށެވެ.

"އޭ! ވައިފް ބުނީ އެއްޗެއް ނުދިނަސް ތިކަން ކޮށްދީފާނަމޯ!" ރަހުމަތްތެރިޔާގެ އަޑުން އުފާވެރިކަން ފާޅުވެއެވެ.

"ނޫނޭ އަމީރު، ކުއްޖަކު ބެލުމަކީ ވަރަށް ބުރަކަމެއް! އަގެއް ނުނަގަންޏާ އަހަންނަކަށް ނުކެރޭނެ އައިޝާ ތިގޭގަ ބަހައްޓާކަށެެއް!... ބުނޭ އަގެއް ނަގަންވާނެއޭ!" ފާޒިލް އޭނަ އެދޭގޮތް އަނެއްކާވެސް ހާމަކުރިއެވެ. ދެ ރަޙުމަތްތެރިންގެ ދެމެދު މަދު ވާހަކަކޮޅެއް ދެއްކުމަށްފަހު ފާޒިލް ފޯނުބޭއްވިއެވެ. އަދި ދޮންމަންމަ ގާތު މި ވާހަކަ ނުބުނެ އައިޝާ އެހެން ގެއަކަށް ގެންދާކަށް ފާޒިލް ހިތްހަމައެއް ނުޖެހުނެވެ. ވަރަށް ވިސްނުމަށްފަހު ފާޒިލް ނިންމީ އެރެއިން އެރެއަށް ދޮންމަންމައާ މި ވާހަކަ ދެއްކުމަށެވެ. އެހެންކަމުން ކައި ނިމިގެން އައިޝާ އަތަށް ކުރަހަން ފޮތެއް ދިނުމަށްފަހު ގުޅީ ދޮންމަންމައަށެވެ.

"ދައްތާ! ބިޒީތަ!" ދޮންމަންމަ ފޯނު ނެގުމުން ފާޒިލް އަދަބުވެރިކަމާއެކު ބުންޏެވެ.

"ނޫނޭ ބިޒީއެއް ނޫން! ކޮބާ އައިޝާ! މިރޭ ކީއްވެ އައިޝާ ނުގެނައީ!" ފުރަތަމަވެސް ދޮންމަންމަ ކުރީ ޝަކުވާއެވެ.

"ކުޑަކަމަކާ މަޝްވަރާކޮށްލަންކަމަށް! ތި ބަޔަށް ދިއަޔަސް އޯކޭތަ!" ފާޒިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

ދޮންމަންމަގެ ހުއްދަ ލިބުމުން ފާޒިލް ދިޔައީ ނަވާރުގެ އެޕާޓްމެންޓަށެވެ. ޓަކި ޖެހުމުން ދޮރު ހުޅުވީ ދޮންމަންމައެވެ. އެތެރެއަށް ވަން ފާޒިލް ހުރީ ޖެހިލުންވެފައެވެ. އެތާ ނަވާރު ހުރެއްޖެއްޔާ ދައްކަން އައި ވާހަކަ ދެއްކުން ފާޒިލްއަށް ފަސޭހައެއް ނުވާނެކަން ފާޒިލްއަށް އެނގެއެވެ.

"ނަސީބެއް ދަރިފުޅު އައިކަން. ދައްތަ ވެސް ދަރިފުޅު ގާތު ވަރަށް މުހިންމު ވާހަކައެއް ބުނަން ޖެހިފަ މި ހުންނަނީ! މި ނަވާރު އުޅޭގޮތަކުން އަދި ހަމަ މަޑުކޮށްގެން މިހުރެވެނީ!" ދޮންމަންމަގެ މޫނުމަތިން ފާޒިލްއަށް ފެނުނީ ކަންބޮޑުވުމެވެ.

"ރަނގަޅުވާނެ! ދައްތަ ބުނަން އުޅޭ ވާހަކަ ފުރަތަމަ ބުނާނީ!" ފާޒިލްއަށް އޭނަ ބުނަން ބޭނުންވި ވާހަކަ ބުނަން ހަމަ ފަސްޖެހެވެނީއެވެ. އެހެންކަމުން ދޮންމަންމައަށް ވަގުތު ދޭން ނިންމީއެވެ.

"ދަރިފުޅަށް ވެސް އެނގޭނެ... ދަރިފުޅުގެ ބައްޕަ ދައްތަޔާ އިނދެގެން އުޅުނީ ވަރަށް އުފަލުގަކަން. އޭރުވެސް ހާމިދު ވަރަށް ދައްކާނެ ދަރިފުޅުގެ ވާހަކަ، ދަރިފުޅަށް ކުރާ އިތުބާރުގެ ވާހަކަ، ދަރިފުޅަކީ ޒިންމާދާރު ކުއްޖަކަށް ވާނެކަމަށާ އޭގެ ސަބަބުން މުސްތަގުބަލުގައި ރަނގަޅު ކާމިޔާބު ކުއްޖަކަށް ދަރިފުޅު ވާނެކަމަށް... އަބަދުވެސް ހާމިދު ބުނާނެ!" ދޮންމަންމަ ތަކުރާރުކޮށްވެސް ބުނެދޭން އެ ބޭނުންވަނީ ބައްޕަ އަބަދުވެސް އޭނަކައިރީ ވެސް ދައްކަމުން އައި ވާހަކަކަން ފާޒިލް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަދި ބައްޕަގެ މަތިން ހަނދާންވެ ދެލޯ ތެމިގެން އައެވެ. ފާޒިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ޚުދު އޭނަގެ ދޮންމަންމަ ވެސް ދުށްޓެވެ.

"ދަރިފުޅުގެ ބައްޕައާ ދައްތައާ ދެމީހުން އެއްބަސްވި އެއްބަސްވުމެއް އޮތީމަ... އެކަން ދަރިފުޅަށް ހިއްސާކުރަން މިއަދު ދައްތަ ބޭނުން... ވަގުތު ފާއިތުވުމުގެ ކުރިން... އަދި މިއީ އެކަމަށް އެންމެ އެކަށޭނަ ވަގުތުހެން ދައްތައަށް ހީވަނީ!" ދޮންމަންމަގެ އަޑުގައި ޖެހިލުންވުމެއްގެ އަސަރު ހުރިކަމަށް ފާޒިލްއަށް ފާހަގަކުރެވުނެވެ. އެހެންކަމުން އިސް އުފުލައިލާ ދޮންމަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ފާޒިލް ބަލައިލިއެވެ. އެ ބެލުމުގައިވަނީ އޮޅުން ފިލުވުމެވެ.

"ދައްތަ ބުނޭ! ބައްޕަ ނިންމާފައި އޮތްކަމަކަށް އަހަރެން ދެކޮޅެއް ނަހަދާނަން!" ފާޒިލް ޔަގީންކަން ދިނެވެ. އެ ވާނީ ރަށުގައި އޮތް ބައްޕަގެ ގޯތިން ބައެއް ފާޒިލް ނުނަގާ ހީނާ އަށާ ދީނާ އަށް އަދި މަންމަ ހިމެނޭގޮތަށް ގޯތި ދޫކޮށްލަން އެއްބަސް ވުންކަން ފާޒިލްއަށް އެނގެއެވެ. އެއީ ބައްޕަގެ ގޯއްޗަކަށްވުމުން ދައްތައަށް ވެސް އެ ގޯތިން ބައެއްވާނެއެވެ. ދައްތަ އެ ނިންމާނީ އަހަރެމެން ތިންބެއިންނަށް ގޯތި އެއްކޮށް ދޫކޮށްލުމަށެވެ.

"ބައްޕައާ ދައްތަ ނިންމާފައި އޮތީ!..." ދޮންމަންމަ ކުޑަކޮށް މަޑުކޮށްލިއެވެ.

"އުންމީދުކުރަން ބައްޕަ ނެތް ދުނިޔޭގައި ފާޒިލް ބައްޕަގެ މި އެދުން ފުއްދައިދޭނެކަމަށް!" އަނެއްކާވެސް ދޮންމަންމަ ހުއްޓައިލިއެވެ.

"ދައްތައަށް ފެންނާނެ އަހަންނަކީ އަހަރެންގެ ބައްޕަ ދެކެ ލޯބިވާ ދަރިއެއްގެ ގޮތުގައި! އަހަރެން ބައްޕަގެ ތި އެދުން ފުރިހަމަ ކޮށްދޭނަން! އަހަންނަށް އެނގޭ ބައްޕަ ގޮތް ނިންމާނީ އަހަންނަށް ރަނގަޅަކަށްކަމަށް! ... އަދި އެހެންމީހުންނަށް ވެސް!" ފާޒިލްގެ ވާހަކަ އަޑު އިވުމުން ދޮން

މަންމައަށް ލިބުނީ ނުހަނު ބޮޑު އުފަލެކެވެ. އަދި ޔަގީންކަމެކެވެ.

"ބައްޕައާ ދައްތަ ނިންމާފައި އޮތީ ނަވާރު ކިޔަވައި ނިމިގެން ޑޮކްޓަރަކަށް ވެގެން އައުމުން ތި ދެކުދިންގެ ކައިވެނި ކުރުވަން." ހަމަ ޖެހިލާފައި ދޮންމަންމަ އެ ބުނެ ނިންމައިލީ ފާޒިލްގެ މުޅި ދިރިއުޅުމާ ދިރިއުުމުގެ ހުރިހާ އުފަލަކާ ގުޅިފައިވާ ކަމެއްގެ ވާހަކައެވެ. ފާޒިލްއަށް އިނދެވުނީ އެސްފިޔަ ވެސް ޖަހާނުލާ ދޮންމަންމަގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

ފާޒިލްގެ ޖަވާބެއް ނުލިބުމުން ދޮންމަންމަ ހިފީ ފާޒިލްގެ އަތްތިލާގައެވެ.

"ދަރިފުޅު ބުނަނީ ކީކޭ! ނަވާރަކީ ގޯސްކުއްޖެއް ވެސް ނޫނެންނު! .... އެކަމަކު ... ދައްތަ ބާރެއް ނާޅާނަން!" މިފަހަރު ފާޒިލްއަށް އިވުނީ ކުރެހިފައިވާ ދޮންމަންމަގެ އަޑެެވެ. އެ ދެލޮލަށް ލަސްލަހުން ފާޒިލްއަށް ބަލައިލެވުނެވެ. ފާޒިލްއަށް ފެނުނީ ފެންކަޅިވެފައިވާ ނިކަމެތި މައެއްގެ ހިތުގެ އާދޭހެވެ.

"ދައްތަ ނަވާރު އެދޭ ގޮތް ބެލިންތަ! ... މި ބުނީ ނަވާރާ ތި ވާހަކަ ދެއްކިންހޭ!" ދޭނެ ވަކި ޖަވާބެއް ނޭނގުނަސް ފާޒިލް ކުރީ ކުރަން ޖެހޭ ސުވާލެކެވެ.

"ދަރިފުޅު ކަހަލަ ކުއްޖަކަށް ނަވާރު ކީއްވެ ނޫނެކޭ ބުނަންވީ! އެހެންނޫނަސް ދައްތައަށް ހީވަނީ ނަވާރު ދަރިފުޅާ ވަރަށް ރުހޭހެން!" ފާޒިލްއަށް ބަލައިލެވުނީ ދޮންމަންމައަށެވެ. ޝައްކުގެ ނަޒަރަކުންނެވެ.

"އެކަމަކު ވެސް ދައްތާ! ނަވާރުގެ ޚިޔާލު ހުރިގޮތެއް ބެލުން ވަރަށް މުހިންމު ވާނެ! ތިއީ ދެމީހެއްގެ މުޅި ދިރިއުޅުމާ ގުޅުން ހުރިކަމެއްނު!" ފާޒިލް ތެދުވެ ހިނގައިގަތެވެ. އައިޝާގެ އިނގިލީގައި ހިފައިގެންނެވެ.

ފާޒިލް ނިކުމެގެން ދިޔައީއެވެ. ފާޒިލްގެ ދޮންމަންމަ ހަފީޒާ ވިސްނީ އެރެއިން އެރެއަށް ނަވާރާ އެ ވާހަކަ ދެއްކުމަށެވެ. އެހެންނަމަވެސް އެރޭ ނަވާރާ އެ ވާހަކަ ދެއްކޭގޮތެއް ހަފީޒާއަކަށް ނުވިއެވެ. ބޮލެއްގައި ރިއްސައިގެން ޕެނެޑޯލް ގުޅައެއް ކެއީމަ ހަފީޒާއަށް މާ އަވަހަށް ނިދުނީއެވެ.

ޖެހިގެން އައި ދުވަހު ނަވާރު ހުރީ ގޭގައެވެ. އެއީ ނަވާރުގެ އޮފް ދުވަހެވެ. އެހެންކަމުން ފަތިސްނަމާދަށް ފަހުވެސް ނަވާރު ނިދީއެވެ. ހޭލެވުނީ މަންމަ އައިސް ސައިބޯން ގޮވަން ފެށުމުންނެވެ. އޭރު ނަވާރުވެސް ހުރީ ހަފުތާގެ ބުރަކަން ބޮލުން ކެނޑި ހަމަ ޖެހިފައެވެ.

ސައިބޯން އިށީން ނަވާރަށް ހަފީޒާ ރަނގަޅަށް ބަލައިލިއެވެ. ހޮނިހިރު ދުވަސްކަމުން އައިޝާ ވެސް މިއަދަކު ނާދެއެވެ. އެހެންކަމުން ދެމައިން އެކަނި ތިބީމާ ދައްކަން ބޭނުންވާހަކައަށް ހުރިހާ ސަމާލުކަމެއް ދެވޭނެތީ ހަފީޒާ ހުރީ ހިތްހަމަ ޖެހިފައެވެ.

"ދަރިފުޅާ! މަންމަ ވަރަށް ބޮޑު ވާހަކައެއް އެބައޮތޭ ދައްކަން..." ނަވާރުގެ ތަށީގައި އޮތް އެންމެ ފަހު ރޮށިކޮޅު އަނގައަށްލިތަން ބަލަން އިނދެފައި ހަފީޒާ ބުންޏެވެ.

"ކޮންވާހަކައެއް!" ސައިތަށި ނަގަމުން ނަވާރު ސުވާލުކުރިއެވެ.

"މަންމަ އުންމީދުކުރަން މަންމަގެ މި އެދުން ދަރިފުޅު ބޮލާލާ ނުޖަހާނެކަމަށް! ... މިއީ މަންމައާ ހާމިދުބެއާ ދެމީހުންގެ ވެސް ނިންމުން!" ނަވާރު ވަރަށް ރަނގަޅަށް ހަފީޒާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ދެން ބުނަންވީނު!" ގަޔާ ނުވެ އިނދެ އަނެއްކާވެސް ނަވާރު ބުންޏެވެ. ހަފީޒާގެ މޭ ބޮޑުވާގޮތްވީ ނަވާރުގެ ވާހަކައިގެ ރާގު ހުރިގޮތުންނެވެ.

"ދަރިފުޅަށްވެސް އެނގޭނެ މިހާރު ދަރިފުޅު ކިޔަވާ ނިމުމުތާ ވެސް ކޮން ދުވަހެއް. އަންހެން ކުދިންނަކީ އަވަހަށް ކައިވެނި ކުރަން ޖެހޭ ބައެއް!"

(ނުނިމޭ)