ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރީ ލޯންޗްކުރުމަށް ބާއްވާ ޖަލްސާ މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެމްޕޭންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ، އޮންލައިންކޮށް މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މި ޖަލްސާގެ އިތުރުން ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހު އެކި ސިޓީ އަދި އަތޮޅުތަކުގެ ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ބައްދަލުވުންތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސާބެ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދިފަހުން ވަނީ ނެރެފައެވެ.