ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަންޑާރަނައިބަކީ މަޤާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްކަމަށް ކަނޑައަޅާފައިވާ މާއްދާ އުވާލުމަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

މި އިޞްލާޙު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި، ނައިބު ރައީސަކާއި އަދި މެންބަރުންގެ މައްޗަށްކަމަށް ހަމަޖެއްސުމެވެ. މިގޮތުން، ބަންޑާރަނައިބު މި ކޮމިޓީން ވަކިކުރުމަށް ބޭނުންވާ އިޞްލާޙުތައް ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވެއެވެ.

މި ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިޞްލާޙު ހުށަހެޅުއްވި މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ، މި ބިލަކީ މިނިވަން މުއައްސަސާތައް ސަރުކާރުގެ ނުފޫޒުން ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން، ޤާނޫނީ ވަކީލުންގެ ކަންކަން ނިންމައި ހިންގުމުގެ ޒިންމާ އުފުލާނީ، އެ ވަކީލުންގެ ތެރެއިން ހޮވާ މަންދޫބުންކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ބިލުގައި ހިމެނިފައިވާ އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި ރަސްމީ އިދާރާތަކާއި ރަޖިސްޓަރީކޮށްފައިވާ ތަޢުލީމީ މަރުކަޒުތަކުން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ ދިނުމާއި ބޭރު ޤައުމުތަކުގައި ބޭނުންކުރުމަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

މި ކަންކަން ހާސިލުކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.