ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިމަގު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 އިން 7 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ދަރިވަރުންގެ ކުރިމަގަށް މުހިއްމު އެކި ހުނަރުތަކުގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ. އޭގެ ތެރޭގައި, މުއާމަލާތުކުރުމުގެ ހުނަރު، ކަންކަމުގައި ގޮތް ނިންމުން، ހެޔޮލަފާ ކުދިންތަކެއްގެ ގޮތުގައި ދެމިތިބުން، ރުޅި ކޮންޓްރޯލުކުރުން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ތަފާތު އެކި ހުނަރުތައް ހިމެނެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 217 ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަނާއި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް މައުލޫމާތު ދެއްވީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ހެޑް ޗީފް ސުޕާއިންޓެންޑެންޓް އޮފިސާރ ފާޠިމަތު ނަޝްވާއާއި ކްރައިމް ޕްރިވެންޝަންގެ މުދައްރިބުންނާއި ބ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުންނެވެ.