ފ. އަތޮޅުގެ ހުރިހާ ރަށެއްގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި, ސިއްހީ ދުޅަހެޔޮކަމާ އެއްވަރަށް ނަފުސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތު ދިނުމުގެ މުހިންމުކަމާއި، ސްޓްރެސްގެ ބާވަތްތަކާއި، ސްޓްރެސް މެނޭޖްކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ.

ފ. އަތޮޅުގެ ހުރިހާ ރަށެއްގެ މުއައްސަސާތައް ހިމެނޭހެން 331 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހިންގާފައިވަނީ, ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ފ. އަތޮޅު ފުލުހުންނާއި އަތޮޅު ކައުންސިލުގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލުތައް ގުޅިގެންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމަކީ, ނަފުސާނީ ދުޅަހެޔޮކަމަށް މުވައްޒަފުން އަހުލުވެރިކުރުވައި ނަފުސާނީ ބަލިތަކާ މެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ނައްތާލައި، އެ ބަލިތަކުގެ އަލާމާތްތައް ވީހާ ވެސް އަވަހަށް ދެނެގަނެ މެނޭޖް ކުރާނެގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.