ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ނިފާ ވައިރަސް ޖެހިގެން އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން ކެރެލާގެ ސިއްހީ އިދާރާތައް ކުއްލި ހާލަތަށް ގެނެސްފިއެވެ.

ކެރެލާ ސްޓޭޓްގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވި ނިފާ ވައިރަސް ޖެހުމުގެ ހައި ރިސްކް ކެޓަގަރީގައި ތިބި އިތުރު 60 މީހަކު ވަނީ ފާހަގަކޮށް ކަރަންޓީނު ކޮށްފައެވެ. މިނިސްޓަރު ވީނާ ވިދާޅުވީ ނިފާ ވައިރަސްގައި މަރުވި ކުއްޖާއަކީ ޕަންޑިކާޑް ޓައުންގެ ކުއްޖެއް ކަމަށާއި އޭނާއާ ކޮންޓެކްޓްވި މީހުން އައިސޮލޭޓްކޮށް ޓެސްޓްކޮށްފައިވާ ކަމަށެވެ.

ކެރަލާ ސްޓޭޓުގައި މިހާރު ވަނީ އާންމު ތަންތަނުގައި މާސްކް އެޅުމާއި، ހޮސްޕިޓަލުގައި ތިބި މީހުންނަށް ޒިޔާރަތް ކުރުމުން ދުރުހެލިވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ސަރަހައްދުގެ މީހުން ވަނީ އަންގާފައެވެ.

ނިޕާ ވައިރަސްއަކީ އޫރާއި ވައު ފަދަ ޖަނަވާރުތަކުން އިންސާނުންނަށް ޖެހޭ "ޒޫނޮޓިކް ބައްޔެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ. ނިފާ ވައިރަސް ފެތުރެނީ ތަޣައްޔަރުވެފައިވާ ކާނާގެ ތެރެއިންނާއި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވުމުންނެވެ.

ނިފާ ވައިރަސް ޖެހުމުން މައިގަނޑު ގޮތެއްގައި އަލާމަތްތަކުގެ ގޮތުގައި ފެންނާނީ ގަދައަށް ހުންއުން، ބޮލުގައި ގަދައަށް ރިއްސުން، ހޮޑުލެވުން، ގަޔަށް ތަދުވުން އަދި ކަރުގައި ރިއްސުމެވެ.