ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (އެސްއޭއޭއާރްސީ) ޓްރޭޑް ފެއާ 2024 ގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބައިވެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.

ބީސީސީއިން ސޯޝަލް މީޑިއާއަށް އާއްމު ކުރި ޕޯސްޓޭއްގައި ވަނީ އެ ކޯޕަރޭޝަނުން އެސްއޭއޭއާރްސީ ޓްރޭޑް ފެއާގައި ބައިވެރިވާނެ ކަން އިއުލާނުކޮށް, އެ ކޯޕަރޭޝަނާއެކު އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އާއްމު ރައްޔިތުންނަށް ހުޅުވާލައިފައެވެ.

ބީސީސީއިން އިއުލާނުކުރި ގޮތުގައި އެ ކޯޕަރޭޝަނާއެކު އެ ޓްރޭޑް ފެއާގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ވަކި އަދަދަކެށެވެ. އެހެންކަމުން ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ ފަރާތްތަކުމް ބައިވެރިވުމަށް ހުށައަޅާފައިވާ ނަމަ ފުރުސަތު ލިބޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ބީސީސީގެ ފަރާތުން އެސްއޭއޭއާރްސީ ފެއާގައި ބައިވެރިވާން ބޭނުންވާނަމަ ފުރަން ޖެހޭ ގޫގްލް ފޯމް އެ ކޯޕަރޭޝަނުން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެ ފޯމު ފުރުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.

ސްރީލަންކާގެ ކޮލަމްބޯގައި އޮންނަ އެސްއޭއޭއާރްސީ ޓްރޭޑް ފެއާ 2024 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިވެންޓު ކުރިއަށް ދަނީ ކޮލަމްބޯގެ އެކްސެލް ވޯލްޑް ކޮލަމްބޯ ކޮންވެންޝަން ސެންޓަރުގައެވެ.