މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރައްވައިފިއެވެ.

އަލީ ހާޝިމް މި މަޤާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، އެމްއެމްއޭގެ ޤާނޫނުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އަދި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވައިފިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަޙްމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް ޢަލީ ޙާޝިމް މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވީ، މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާޤުންނެވެ. މި ވޯޓަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ނެގުނު ވޯޓެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ، ޤައުމު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް، މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިނުވާ ކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްއެވެ.

މީގެ ކުރިން ވެސް މާލިއްޔަތު ކޮމިޓީން ވަނީ މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމާފައެވެ. އެގޮތުން، ގަވަރުނަރު މަޤާމުން ވަކިކުރެއްވުމަށް ލަފާ އެރުވުމަށް މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވުނެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްޓަކައި، އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ.

މާލިއްޔަތު ކޮމިޓީން ގަވަރނަރު ހާޝިމަށް އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ކޮމިޓީއަށް ހާޒިރުވުމަށް ތިން ފުރުޞަތެއް ދިނެވެ. ނަމަވެސް ހާޝިމް ވަނީ ކޮމިޓީ ބައްދަލުވުންތަކަށް ސިއްހީ ހާލަތު ތަންނުދޭތީ ހާޒުރުނުވެ، ލިޔުމުން ރިޕޯޓެއް ހުށަހަޅުއްވާފައެވެ. އަދި، އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގާފައެވެ.

ގަވަރުނަރަށް އިތުރު ފުރުޞަތެއް ދިނުމާމެދު ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓެއް ނެގުނެވެ. ނަމަވެސް، މެންބަރުންގެ އަޣުލަބިއްޔަތުން ވޯޓު ދެއްވީ އިތުރު ފުރުޞަތެއް ނުދިނުމަށެވެ.

މާލިއްޔަތު ކޮމިޓީން ފާހަގަކުރެއްވި ގޮތުގައި ހާޝިމް ގަވަރުނަރެއްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައި ނުވެއެވެ. ޚާއްޞަކޮށް ސަރުކާރުން އެތެރޭގެ މާކެޓުން ފައިސާ ހޯދަމުންދާ އަދި ހަރުދަނާ ގަވާއިދުތަކެއް ބޭނުންވާ ދަނޑިވަޅެއްގައެވެ. އަދި އެމްއެމްއޭ އެކްޓުގައި ބަޔާންކޮށްފައިވާ މައިގަނޑު މަޤްޞަދުތަކާ ގުޅޭގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން އެމްއެމްއޭ އިން ސަރުކާރަށް ލަފާ ދީފައިނުވާކަންވެސް ކޮމިޓީން ފާހަގަކުރިއެވެ.