ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)ގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ސީ.އެޗް.އެސް.އީގައި ބޭއްވި މިހަފުލާގައި ސީ.އެޗް.އެސް.އީ. އިން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްފައިވާއިރު 1ވަނަ ހޯދި ދަރިވަރުންނަށް މިހަފުލާގައި އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުހައްމަދެވެ.

ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާއި ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުސަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ.

އޭގެ ތެރޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ސީ.އެޗް.އެސް.އީ ގައި މިހާރު ޖުމްލަ 1073 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.