ލިޔުއްވީ: ޑރ. އަބްދުލް ޢަޒީޒް ޙަމީދު (އެމްބީބީއެސް)
ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގުރުދާ އަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. ގުރުދާ އަށް މައްސަލަތަކާއި ކުރިމަތިވެއްޖެ ނަމަ އޭގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބުރޫ އަރައެވެ. މިގޮތުން އާދަޔާ ޚިލާފަށް ބޮޑަށް ގުރުދާގެ މަސައްކަތްތަކަށް ބުރޫ އަރައިފިނަމަ ގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައިސް، ގުރުދާ ބަދަލު ކުރަން ޖެހެއެވެ. އަދި ގުރުދާ ބަދަލުކުރުމުން ހަށިގަނޑަށް ލެވުނު ނުވަތަ ހަށިގަނޑުގައި އިންދުނު އާގުނަވަނުގެ އެހީގައި ބަލިމީހާ އަށް ދިރިއުޅެވިދާނެ އެވެ.
ތާރީޚް ހެކިދޭގޮތުން އެންމެ ފުރަތަމަ ގުރުދާ ބަދަލު ކޮށްފައިވަނީ ގުރުދާ ގައި ވައިކޮތަޅު އުފެދުން ކުރިމަތިވި، އުމުރުން 44 އަހަރުގެ ރުތު ޓަކަރ ކިޔާ އެމެރިކާ އަންހެނެއްގެ އެވެ. އެއީ 17 ޖޫން 1950 ގައެވެ. މިއޮޕަރޭޝަން ކުރެވުނީ ޗިކާގޯގެ އިލިނޮއިސް ގެ އެވަރގްރީން ޕާރކް ގައި ހުންނަ މޭރީ ހޮސްޕިޓަލް ގައެވެ.
ގުރުދާ ބަދަލު ކުރަން ޖެހެނީ ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ވާޞިލްވެއްޖެ ނަމައެވެ. މާނައަކީ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު(Glomerular filtration rate) 20-25 އިންސައްތަ އަށްވުރެ ދަށަށް ހިގައްޖެ ނަމައެވެ. ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ގެންގޮސްފާނެ ކަންތައްތަކުގެ ތެރޭގައި ހަކުރުބަލި، އިންފެކްޝަންތައް، ލޭގެ ޕްރެޝަރު މަތިވުން، އަދި ގްލޯމެރިޔޫލޯ ނެފްރައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ގުރުދާ ގައި ވައިކޮތަޅު އުފެދުން އަދި މިނޫނަސް އުފެދުމުގައި ގުރުދާ އަށް ޖެހޭ ތަފާތު ބަލިތައް ހިމެނެއެވެ.
ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ދެނެގަތުން
ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމަށްޓަކައި ތަފާތު ޓެސްޓްތައް ކުރެވެއެވެ. މިޓެސްޓް ތަކުގެ ބޭނުމަކީ އެމީހާގެ ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމާއި، އަދި މުސްތަގުބަލްގައި ނުވަތަ ގުރުދާ ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ، ކުރިމަތިވެދާނެ މައްސަލައެއް ހުރިތޯ ކުރިން ހޯދައި ދެނެގަތުމެވެ. މިގޮތުން ކުރެވޭ ޓެސްޓްތަކާއި ބެލޭނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.· ހަށިގަނޑު ބޭރުފުށުން ބެލުން: މިއީ ހަށިގަނޑުގައި ބޭރުފުށުން ފެންނަ ހުންނަ ކަންކަން ބަލައި ހޯދައި ދެނެގަތުމެވެ. ނުވަތަ ޢާއްމު ނަޒަރަކުން ހަށިގަނޑުގެ ބޭރު ފުށުގެ ޙާލަތު ބަލާލުމެވެ.· މޭމަތީގެ އެކްސްރޭ: މިއީ ބަލިމީހާގެ ހިތާއި، ފުއްޕާމެޔާއި ނޭވާލާ ނިޒާމް ޙާލަތު ދެނެގަތުމަށް ނެގޭ އެކްސްރޭ އެކެވެ.· އީސީޖީ: މިއީ ހިތް މަސައްކަތްކުރާ ގޮތާއި، އަދި ހިތުގެ ޙާލަތު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.· ސްކޭން ކުރުން : މިއީ އެތެރެހަށީގެ ގުނަވަންތަކުގެ ޙާލަތު ބެލުމަށް ކުރެވޭ ކަމެކެވެ.
(ނޯޓް: ލިޔުމުގެ އަސްލު ނެގިފައި ވަނީ ދިއިސްލާމް.ކޮމްއިންނެވެ).