ޓިކްޓޮކްއަކީ ކުރު ވީޑިއޯ ހިއްސާކުރުމަށް ބޭނުންކުރެވޭ މަޝްހޫރު އެޕްލިކޭޝަނެކެވެ. މި އެޕް އުފެއްދީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބައިޓްޑާންސް އިންނެވެ. 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޑައުއިން (Douyin) ގެ ނަމުގައި ޗައިނާގައި ފުރަތަމަ ތައާރަފުކުރި މި އެޕް، 2017 ވަނަ އަހަރު ސެޕްޓެމްބަރު މަހު ބައިނަލްއަގުވާމީ މާކެޓަށް ވަނީ ނެރެފަ އެވެ. އޭގެ ފަހުން، ޓިކްޓޮކް އަކީ ދުނިޔޭގެ އެންމެ އަވަހަށް ކުރިއަރަމުން އައި ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް ވެގެން ދިޔައެވެ.
ދިވެހިރާއްޖޭގައި ޓިކްޓޮކް ބޭނުންކުރަން ފެށި ސީދާ ތާރީހެއް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް، 2018 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި މި އެޕް ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. ނަމަވެސް، ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން އިތުރުވަމުން ދިއުމާއެކު، މި ޕްލެޓްފޯމްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމާއި، ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާތަން ފެންނަމުންދެއެވެ.
ރާއްޖޭގައި ގިނަ ދިވެހި ޒުވާނުން މި އެޕް މެދުވެރިކޮށް އެމީހުންގެ ހުނަރާއި ގާބިލުކަން ދައްކުވައި ދިނުމާއި، އާމްދަނީ ހޯދަމުންދާތަންވެސް ފެނެއެވެ. އެގޮތުން ދީނީ އަދި ތައުލީމީ މައުލޫމާތު ފެތުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމާއި ޚައިރާތީ ކަންކަމަށް ފައިސާ އެއްކުރުމުގެ އިތުރުން ރާއްޖޭގެ ތަފާތު ސަގާފަތްތަކާއި ތަންތަން ދުނިޔެއަށް ދައްކުވާދީ ހަދައެވެ. އަދި މަޖާކޮށްލުމަށް ލައިވް ތަކުގައި ދުނިޔާގެ އެކި ކަންކޮޅުތަކުގައިވާ މީހުންނާއެކު ގޭމްކުޅެ އެ މީހުންނާ ގުޅުން ބަދަހި ކުރެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކަށް އެތަށް ފައިދާ ތަކެއް މިފަދަ އެޕްތަކުގެ ސަބަބުން ލިބެއެވެ.
އެހެންނަމަވެސް، އިސްލާމީ އަހުލާގާއި އާދަކާދަތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ސައްތައިން ސައްތަ މުސްލިމުން އުޅޭ މި ގައުމުގައި މިހާރަކަށް އައިސް އިޖުތިމާއީ މިންގަނޑާއި، އިސްލާމީ އަހުލާގާ ހިލާފު ގޮތްގޮތަށް ބައެއް ފަރާތްތަކުން ޓިކްޓޮކް ބޭނުންކުރަމުން ދާތަން ފެންނަމުން ދެެއެވެ. އެކަކު އަނެކަކަށް ހަޑިހުތުރު ބަހުން މުހާތަބުކުރުމާއި ނިވާކަން ކުޑަ ހެދުން ލައިގެން ވީޑިއޯ ކުޅުމާ އަދި ދެ ޖިންސު އެއްވެ ގައިގޯޅިވެ ލަވަކިޔުން ފަދަ ކަންކަން ކުރަމުންދާ ތަން ފެނެއެވެ. މީގެއިތުރުން ލައިވް ތަކުގައި މީހުންގެ ނުބައި ވާހަކަ ދެއްކުމާއި މީހުންނައް ގަނާކޮށް ބޭޒާރުކުރުން، މިއަދު ވަނީ ބައެއް ދިވެހި ޒުވާނުން މެދުގައި އާދައަކަށްވެފައެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ކަށަވަރެވެ. ހާއްސަކޮށް އިސްލާމީ އަހުލާގާއި އާދަކާދަތައް ގެއްލި، ބޭރުގެ ނޭދެވޭ ސަގާފަތްތަކަށް ހުޅުވިގެން ދިއުމާއި، ޒުވާނުންގެ މެދުގައި ބޭ އަދަބީ އަމަލުތައް އާންމުވުމާއި އަދި ތައުލީމީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދަށްވެއެވެ. މީގެ އިތުރުން، ވަގުތު ބޭކާރުވުމާއި، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވުން ފަދަ މައްސަލަތައްވެސް ދިމާވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ޓިކްޓޮކް ޕްލެޓްފޯމް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދިމާވާ އިޖުތިމާއީ އަދި ސަލާމަތީ މައްސަލަތަކާ ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމެރިކާ، އިންޑިއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ މި އެޕްލިކޭޝަން ބޭނުންކުރުން މަނާވެސް ކޮށްފައެވެ.
މި ކުޑަކުޑަ މުޖުތަމައުން މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ވިސްނާ ވަރަށް ބޮޑަށް މަސައްކަތްކުރަން އެބަ ޖެހެއެވެ. އަދި ދިވެހި ސަރުކާރުންވެސް މިކަމާ ގުޅޭގޮތުންފިޔަވަޅު ތަކެއް އަޅަން އެބަޖެހެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރުމުގެ އުމުރު ހަމަޖެއްސުމާއި، ވަކި ގަޑިތަކެއްގައި އެޕްލިކޭޝަން ބޭނުންކުރުން ހުއްދަކުރުމުގެ އިތުރުން، ޓިކްޓޮކް ބޭނުންކުރުމާ ބެހޭ ގަވާއިދުތަކެއް އެކުލަވާލައި ދީނީ އިލްމުވެރިން މި ކަމާ ގުޅިގެން ހޭލުންތެރި ކުރުމަށް ދީނީ ނަސޭހަތް ދެވިދާނެއެވެ.
ހަމައެއާއެކު ނަހަމަ ގޮތުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ގޮތުން ޖޫރިމަނާކުރުމާއި، ވަގުތީގޮތުން އެކައުންޓް ބްލޮކްކޮށް، ތަކުރާރުކޮށް މައްސަލަ ޖެހޭ ފަރާތްތަކުގެ އެކައުންޓްތައް ދާއިމީކޮށް ބަންދުކުރުމުން ޓިކްޓޮކްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ އަދި މުޖުތަމައުގައި މިހާރު ދިމާވަމުންދާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން ޔަގީނެވެ.
އަޅުގަނޑު ދެކޭގޮތުގައި މިކަންކަން ކުރަން މާ ލަސްވެސް ވެއްޖެއެވެ. ނަމަވެސް އެންމެން އެކީ މަސައްކަތް ކުރުމުން މި ކަމަށް އެދޭވޭ ނަތީޖާއެއް ނެރެވޭނެ ކަން ކަށަވަރެވެ.