މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމަށް، މާލީ ވަޒީރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައިފައިވާ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު، މާލީ ވަޒީރުގެ އެޑްވައިޒަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމަށް އަހުމަދު މުނައްވަރު އައްޔަންކުރުމުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނީ، މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުން އަލީ ހާޝިމް އިއްޔެ ވަކިކުރެއްވުމާ ގުޅިގެންނެވެ.

ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވަނީ، އޭނާ އެ މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި، އަލީ ހާޝިމް މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 9 މެންބަރުންނެވެ.

އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އިދާރާގެ ގަވަރުނަރު ޢައްޔަންކުރުމާއި އެ މަޤާމުން ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންނަމަވެސް، އެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.