އިނގިރޭސި ޕްރިމިއާ ލީގުގައި މި ދިޔަ ސީޒަނުގައި ތަފާތު ކުޅުމެއް ދެއްކި އެސްޓަން ވިލާއިން ޖައޯ ފީލިކްސްއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
"ދަ ގާޑިއަން" އިން ހާމަކުރި ގޮތުގައި އެސްޓަން ވިލާއިން އަންނަނީ, ދާދި ފަހުން އެ ޓީމު ދޫކޮށް ސައުދީގެ އަލްއިއްތިހާދާ ގުޅުނު މޫސާ ޑިއާބީގެ ބަދަލުގައި ފީލިކްސް ގެނައުމަށް ޓަކައި އޭނާއަށް ފާރަލަމުން ކަމުގައެވެ. އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ, ފީލިކްސްގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް "ދަ ގާޑިއަން" އިން ހާމަކުރެއެވެ.
ފީލިކްސް, މިހާރު ކުޅެމުން އަންނަ ކްލަބު ކަމުގައިވާ އެޓްލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ތިން އަހަރު އޮތް ކަމުގައިވިއަސް އެ ކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނޭއާ ދެމެދު އޮތް ގުޅުން ހީނަރު ވެފައިވާތީ އޭނާ އެ ކްލަބުގައި މަޑު ކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެޓްލެޓިކޯ މެޑްރިޑުގައި ފީލިކްސްއަށް ދިމާވެފައިވާ މި މައްސަލައިގެ ފައިދާ ނަގައި އޭނާގެ ސޮއި ޔަގީން ކުރަން އެސްޓަން ވިލާއިން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
2019 ވަނަ އަހަރު 126 މިލިއަން ޕައުންޑުގެ އަގަކަށް ބެންފީކާއިން އެޓްލެޓިކޯ މެޑްރިޑާ ގުޅުނު ޖައޯ ފީލިކްސް ވަނީ އެ ކްލަބަށް 96 މެޗު ކުޅެދީ 25 ލަނޑު ކާމިޔާބު ކޮށްފައެވެ. ފީލިކްސްއަށް އެޓްލެޓިކޯއިން ދެއްކި 126 މިލިއަން ޕައުންޑާއެކު އޭނާގެ ޓްރާންސްފާއަކީ ފުޓުބޯޅަ ތާރީހުގައި ހަތަރުވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާކަން ފާހަގަ ކޮށްލަން ޖެހެއެވެ.