ދެމީހަކު ކައިވެންޏެއް ކުރާ ހިސާބުން އެވަނީ ދެމެފިރިއަކަށެވެ. ކައިވެންޏެއް ކުރާ ހިސާބުން އެވައުދުވަނީ ދިމާވާ ކޮންމެ ގޮންޖެހުމަކަށް، ދެމެފިރިން އެކުއެކީގައި ކުރިމަތިލުމަށެވެ. އެ ވައުދުވަނީ، ލިބޭ ކޮންމެ އުފަލެއްގައި އެކަކު އަނެކަކު ބައިވެރި ކުރުމަށެވެ. ލޯތްބާއި އިހުތިރާމާއެކު ދިރިއުޅުން އާރާސްތުކޮށް ތިމާމެންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށްޓަކާ، އެ ދަރިންނަށް ރީތި އަޚުލާގާއި ހެޔޮ ޚުލްގު ދެއްކުމަކީ ކޮންމެ ދެމެފިރިއެއްގެ މައްޗަށް ލާޒިމު ވެގެންވާ ކަމެކެވެ.

ކާބަފައިންގެ ދިރިއުޅުމަށް ބަލާލާއިރު، ދިރިއުޅުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްގައި ދެމަފިރިންގެ ހިއްސާ ނުހަނު ބޮޑެވެ. އެޒަމާނުގައި ރަނގަޅު ތައުލީމެއް ލިބިފައި ތިބީ މަދުބަޔަކަށެވެ. އެހެނަސް ގިނަ ދެމެފިރިން އެކަކު އަނެކަކަށް އިހުތިރާމު ކުރިކަމަށް ވެއެވެ. ގަދަރު ކުރިކަމަށް ވެއެވެ. އާއިލާއަށް ބޭނުންވާ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިކަން އިންތިހާއަށް ދީފައިހުރި ވާހަކަތައް އަޑު އިވިފައި އެބަހުއްޓެވެ. ކަން މިހެން ހުއްޓަސް މިދަންނަވަނީ އިހުގެ ދެމެފިރިން ދޭތެރޭވެސް މައްސަލަ ނުޖެހި އުޅުނު ވާހަކައެއް ނޫނެވެ.

ދެން ބަލާލަމާ ހިނގާށެވެ. މިހާރުގެ ބައެއް މައިން ބަފައިންނަށެވެ. ގިނަފަހަރަށް އެ މައިން ބަފައިންގެ ތެރެއިން ކޮންމެވެސް އެކަކަށް ހަގީގީ ލޯބިވެރިޔާ މިފެންނަނީ ތިމާ ކާފަ ނުވަތަ މާމަ އަކަށްވާ ހިސާބުން ނެވެ.

ހަގީގީ ލޯބިވެރިޔާއާ ދިމާވާ ހިސާބުން ކަންތައް ވާގޮތަކީ، ތިމާ އެތަކެއް އަހަރެއް ވަންދެން އެކުގައި ގެންގުޅުނު ބައިވެރިޔާ މަތިން ފޫހި ވަނީ އެވެ. ތިމާ ހިތްރުހޭ ހަމަ އެންމެ ސިފައެއްވެސް ބައިވެރިޔާގެ ކިބައިން ނުފެންނަނީއެވެ. ބައިވެރިޔާގެ ހަށިގަނޑުގެ ބައްޓަމާއި ކުލަވެސް ކަމުނުދަނީއެވެ. ނަތީޖާއެއްގެ ގޮތުން އެ ކައިވެންޏަށް ލިބިފައި ތިބި ދަރިންނާ ދޭތެރޭވެސް ނުވިސްނާ އަމިއްލަ ނަފުސުގެ ގޮވާލުމަށް އިޖާބަދެވެނީއެވެ.

މި މައުޟޫއަށް ލިޔެލަން މި ގަސްތު ކުރީ މިފަދަ މައްސަލަތައް މި މުޖުތަމައުތެރޭ ގިނަކަމުންނެވެ.

މިކަމާ މެދު ކުރެވޭ ބަހުސު ތަކުގައި ބައެއްމީހުން ބުނެއުޅެތެވެ. އެއީ ތައުލީމެއް ނެތީމައެވެ. އެކަމުގެ ސަބަބުން އެކަކު އަނެކަކަށް ކުރަންޖެހޭ ގަދަރު ނޭނގެނީ ކަމަށެވެ. އަނެއްބަޔަކު ބުނެއުޅެތެވެ. އެކަމުގެ ހަގީގީ ސަބަބަކީ ޒަމާނަށް އައި ބަދަލާއެކު ކޮންމެމީހެއްގެ އަތަށް އެރި ސްމާޓް ފޯނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމު ތަކުގައި ނުދަންނަ މީހުންނާއި ދެތިން ފަހަރަށް ވާހަކަ ދެއްކުމަށްފަހު އެ އެއުފެދޭ ގާތްކަން ތަރައްގީވެ އެކަކު އަނެކަކަށް ހިތްކިޔަނީ ކަމަށް ބުނެއެވެ.

މިދެންނެވި ފަދަ އާއިލާއެއްގެ ކުއްޖަކާއި ވާހަކަދައްކާލީމެވެ. އޭނާ ބުންޏެވެ. "ވަރަށްވެސް ލަދުގަނޭ. އިނދެގެން އުޅޭ މީހާ ކުރިމަތީވެސް ލަދުގަންނަށް ޖެހޭ ވަގުތު އާދޭ. މަންމަ ގެ ކަމަކީ އަބަދު ފޯނުން ޗެޓުކުރުން މަންމަގެ "ބިޓާ". ބައްޕައާއި މަންމަ އެއްތަން ވެއްޖެއިޔާ އަބަދު ކަމަކަށް އޮންނަނީ ޒުވާބު ކުރުން. އަހަރުމެން ބޭނުމެއްނޫން އެކަހަލަ މާހައުލަކަށް އަހަރުމެންގެ ދަރިން ބޮޑެތި ކުރަން، އެކަމަކު ކީއްކުރާނީ، އެހެން ގޮތެއް ނެތް"

ހަމަ މިފަދަ އާއިލާއެއްގެ އެހެން ކުއްޖަކާ ވާހަކަ ދައްކާލީމެވެ. އޭނާ ބުންޏެވެ. "އަހަރެންގެ ބައްޕަގެ ހަގީގީ ލޯބިވެރިޔާ ބައްޕަ އަށް ފެނުނީ ބައްޕަ އަށް ކާފަ ކިޔާ 8 ދަރީން ލިބުނު ފަހުން. އަހަރެން މިހާރު ބުނެފިން މަންމަ ގާތު ވަރިވާށޭވެސް. ބައްޕަ ވެސް ބުނެފި ކޯޓަށް ދާށޭވެސް. މިހާރު އޮންނަ ގޮތުން ވިއްޔާ ކޯޓުން ބޭރުގައި ވަރިކުރުމުން ލާރި ދައްކަންޖެހޭތީ ހެން ހީވަނީ. މަންމަ ބުނަނީ ދަރިންގެ ހައްގުގައި ހުންނަން ބޭނުން ކަމަށް. މީވެސް ދިރިއުޅުމެއްތަ؟.

މިފަދަ ދިރިއުޅުން ތަކުގެ ސަބަބުން މަގުމަތި ވެގެންދާ ކުދިންވެސް މަދެއް ނޫނެވެ. މިފަދަ ކުއްޖަކާ ވެސް ވާހަކަ ދައްކާލީމެވެ. އޭނާ ބުންޏެވެ. "އަހަރެން ގެއްއަށް ވަންނަ ހިތެއްވެސް ނުވޭ. ވަދެއްޖެއްޔާ އަބަދު އިވެނީ ޒުވާބު ކުރާއަޑު، މައިން ބަފައިން ހިތްހަމަ ޖެހިގެން ހިނިތުން ވެފަ ތިބި ތަނެއް ދުވަހަކުވެސް ނުފެނޭ. އަހަރެންގެ މަންމަ ބައްޕަ ގާތުން ވަރިވެގެން ދެތިން މީހުންނާ ކައިވެނި ވެސް ކުރި، އަހަރެންގެ ބައްޕަވެސް ފޭސްބުކުން ދިމާ ވެގެން ހަތަރު މީހުންނާއި އިން. އެކަމަކު ދެމީހުން ކުރެ މީހަކަށް އެއިން މީހުންނާއި އެކޮށް ނޫޅެވުނު. އަނެއްކާވެސް އައިސް މަންމައާއި ބައްޕަ ކައިވެނި ކުރީ ދަރިންނަށްޓަކައޭކިޔާފަ. އެކަމަކު އަހަރުމެންގެ ބޯހަލާކު ވުން ނޫން އެހެން ކަމެއް ނުވި."

ކައިވެންޏެއްކޮށް އެކުގައި އުޅުމުގެ ހިތްވަރު ނެތިއްޔާ ރީތި ގޮތުގައި އެކަކު އަނެކަކު ދޫކޮށްލުން އެބަ އޮތެވެ. އެހެން ނަމަވެސް ޖަމާޢަތެއް ނުވަތަ އާއީލާއެއް ހަލާކު ކޮށްލުމުގެ އިޚްތިޔާރެއް އެއްވެސް ދެމެފިރިއަކަށް ނެތެވެ.