މިނިވަން ދުވަހާ ދިމާކޮށް ހއ. މަނަފަރުގައި ސަގާފީ ހަފްތާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ބާއްވާ މި ސަގާފީ ހަފްތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ހަފްތާގެ ފުރަތަމަ އިވެންޓުގެ ގޮތުގައި ހަމަޖެހިފައިވަނީ އެ ރަށުގެ ސަގާފީ ތަކެއްޗާއި މަންޒިލްތައް ގެސްޓުންނަށް ދައްކާލުމެވެ. 22 ވަނަ ދުވަސް އެ ކަމަށް ހާއްސަ ކުރެވިފައިވާއިރު 23 ވަނަ ދުވަހުގެ ރޭ ހާއްސަ ކުރެވިފައިވަނީ މަލާފަތް އެރުވުމަށެވެ. އެއަށްފަހު ރާއްޖޭގެ އެންމެ ޒަމާންވީ މުނިފޫހިފިލުވުމުގެ އިވެންޓު ކަމުގައިވާ ބޮޑުބެރު ޖެހުމުގެ ޝޯ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަގާފީ ހަފްތާގެ ތެރެއިން 25 ވަނަ ދުވަސް ހާއްސަ ކުރެވިފައިވަނީ ރާއްޖޭ އެކި ތަފާތު ކެއުންތައް ތައްޔާރު ކުރަން ދަސްކޮށްދޭ ކްލާސްތަކެއް ބޭއްވުމެވެ. މަނަފަރުގެ "ކަކުނި ރެސްޓޯރެންޓު" ގައި ކުރިއަށްގެންދާ މި ކްލާސްތައް ނަންގަވައިދެއްވާނީ ރާއްޖޭގެ ހުނަރުވެރި ކައްކާއެއް ކަމުގައިވާ މޫސާ ނަޒީހެވެ.

މަނަފަރުގެ ސަގާފީ ހަފްލާ ނިންމާލުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުއެވެ. މި ހަފްތާ ނިންމާލުމުގެ ގޮތުން ރަށުގެ އަތިރިމަތީގައު ދިދަ ނެގުމުގެ ހަރަކާތެއް އޮންނާނެއެވެ.

މަނަފަރުގެ މި ސަގާފީ ހަފްތާއާ ބެހޭ ގޮތުން ވާހަކަދައްކަމުން މަނަފަރުގެ ޖެނެރަލް މެނޭޖަރު ފާހަގަކުރި ގޮތުގައި މި ފަދަ އިވެންޓުތަކަކީ އެ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖޭގެ އާދަކާދަތަކާއި ސަގާފަތް ދަސްކޮށްދިނުމަށް ވަރަށް މުހިއްމު އިވެންޓުތަކެއް ކަމަށެވެ.